ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އީޔޫއިން ފޮނުވާ ކޯ ޓީމުގެ އިސްވެރިޔާ، ޔޫރަޕިއަން ޕާލަމެންޓް މެމްބަރު ނާޗޯ ސަންޗޭޒް އަމޯރް ވަނީ ނަޝީދާ މިދިޔަ އަންގާރަ ދުވަހު ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ނަޝީދު ވަނީ އިންސާފުވެރި, މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ޔާމީން ގެއަށް ބަދަލުކުރުމަށް އެހީތެރިވުމަށް އެދިވަޑައިގެންފައެވެ.
އީޔޫގެ އިންތިހާބީ ވަފުދުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ގެއަށް ބަދަލުކުރުމަށް އީޔޫއިން އެއްވެސް މަސައްކަތެއް ކުރަމުންދޭތޯ ނޫސްވެރިން ސުވާލުކުރުމުން ނާޗޯ ވިދާޅުވީ، އެ މީހުން ރާއްޖެ އައީ އިންތިހާބު އޮބްޒާވްކުރުމަށް އެކަނި ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖެ އައީ އިންތިހާބު އޮބްޒާވްކުރަން، އެހާލެއްގައި ރާއްޖޭގެ ދާހިލީ ކަންކަމާމެދު ބަހެއް ނުބުނާނަން، އެކަހަލަ ކަމެއް ނުކުރާނަން. ހާއްސަކޮށް ރައީސް ޔާމީންގެ މައްސަލަ އޮތީ ކޯޓުގައި، ޖުޑީޝަރީގެ ކަންކަމާ އަޅުގަނޑުމެން ނުބެހޭނަން،" ނާޗޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ހަރަކާތްތެރިވާ ޓީމަކީ އީޔޫން ރާއްޖެއަށް މިހާތަނަށް ފޮނުވި އެންމެ ބޮޑު ޓީމު ކަމަށާއި އެ ޓީމުން ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ވޯޓު ގުނުން ނިމުމާ ހަމައަށް އީޔޫން އިންތިހާބު އޮބްޒާވް ކުރާނެ ކަމަށް ވިދާޅުވިއެވެ.
އީޔޫން ރިޔާސީ އިންތިހާބު އޮބްޒާވްކުރުމުގެ މަގުސަދަކީ މި އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކުރުމާއި ކެމްޕޭން ކުރުމަށް ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބިފައިވާކަން ޔަގީންކުރުމުގެ އިތުރުން އިންތިހާބުގެ ކަންކަން ގާތުން މޮނިޓާކުރުން ކަމަށްވެސް ނާޗޯ ވިދާޅުވިއެވެ.
މީގެ އިތުރުން ވޯޓާސް ރަޖިސްޓްރީއާއި ދައުލަތުގެ މުއައްސަސާގެ ކަންކަމާއި ކެމްޕޭންގެ ހަރަދުތަކާއި އަމިއްލަ ޖަމިއްޔާތަކުގެ ދައުރު ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.