ޚަބަރު

ކެއާ ސޮސައިޓީގެ ހަތަރު ކުއްޖަކަށް އެމްއޭސީއެލް އިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ދީފި

ފަތިމަތު ލިއުޝާ

ކެއާ ސޮސައިޓީގެ ހަތަރު ކުއްޖަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތު މާހުލުގެ ތެރެއިން ތަމުރީނާއި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފިއެވެ.

ކެއާ ސޮސައިޓީއާ ގުޅިގެން މި އަހަރުގެ މެއި މަހުން ޖުލައި މަހުގެ ނިޔަލަށް ހިންގި އެ ޕްރޮގްރާމަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ކުދިންނަށް ކޮންމެ މަހަކު ހާއްސަ އެލަވަންސެއް ދީފައިވާއިރު، އެމްއޭސީއެލްގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީ، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވެއެވެ.

މި ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް އެއާޕޯޓުގައި އިއްޔެ ބޭއްވި ހަފުލާއެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ މަހްޖޫބް ސުޖާއު ވަނީ އިންޓާންޝިޕްގެ ފުރިހަމަ ކުރި ހަތަރު ކުދިންނަށް ހަނދާ ލިޔުން ދީފައެވެ.

މި ހަފުލާގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ކެއާ ސޮސައިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

"މިއީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، އެ ފަރާތްތައް ބާރުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް. އަދި މި ޕްރޮގްރާމުގެ ސަބަބުން، ބައިވެރިންނަށް މަސައްކަތުގެ ތަޖުރިބާ ލިބިގެންދިއުމުގެ އިތުރުން މި ކުދިންނަށް މަސައްކަތުގެ މާހައުލަށް ނުކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެ" އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވިއެވެ.