ޑްރަގް ޓްރެފިކިންއަށް ފާރަވެރިވުމަށް ޑްރޯން ބޭނުންކުރުމާއި ގޭންގު ކުށްތައް ތަހުގީގުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން އއ. އުކުޅަހުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އަމާން މުޖުތަމައު" ސިޔާސަތު ވަނީ އިފުތިތާހުކޮށްފައެވެ. މިއީ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ތިންވަނަ ސިޔާސަތެވެ.
އަމާން މުޖުތަމައުގެ ބައިގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. އެއީ ކުށުގެ ވެށިން ދުރުކުރުމާއި ކުށުގެ ވެއްޓަށް ފާރަވެރިވުމާއި ކުށަށް ޒިންމާނެގުމާ އެކު ފަރުވާއެވެ.
ކުށުގެ ވެއްޓަށް ފާރެވެރިވުމުގެ ބައިގައި އެންމެ މުހިންމު ކަމަކަށް ހިމަނާފައި ވަނީ ޑްރަގް ޓްރެފިކިންއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސަވެއިލަންސް އާލާތްތައް ތައާރަފުކުރުމާއި ގޭންގުތައް ހަރަކާތްތެރިވާ ގޮތް ދެނެގަނެ، ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ.