ޚަބަރު

މީޑިއާތަކުން ރައީސް މައުމޫންގެ ވާހަކަފުޅު ގެނެސްފައިވަނީ މާނަ އޮޅޭ ގޮތަށް، ނަތީޖާ ބަލައިގަންނަން: އެމްއާރުއެމް

މަރިޔަމް ޝަހުދާ

މީޑިއާތަކުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވާހަކަފުޅު ގެނެސްފައިވަނީ މާނަ އޮޅޭ ގޮތަށް ކަމަށާއި އެމްއާރުއެމް އިން ނަތީޖާ ބަލައިގަންނަ ކަމަށް އެމްއާރުއެމް އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިއޯ ކްލިޕަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ރައީސް މައުމޫނު ގަބޫލުފުޅުނުކުރައްވާ ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ. ރައީސް މައުމޫނުގެ ވާހަކަފުޅު ގެނެސްފައިވަނީ މާނަ އޮޅޭ ގޮތަށް ކަމަށް އެމްއާރުއެމް އިން ބުނެފައި ވަނީ މި ވީޑިއޯ ކްލިޕް އެކި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތަށް ރައްދުދިނުމުގެ ގޮތުންނެވެ.

އެމްއާރުއެމް އިން ހާމަކުރި ގޮތުގައި މި ވީޑިއޯ ކްލިޕަކީ ރައީސް މައުމޫނުގެ ތާއީދާއެކު އެމްއާރުއެމް އިން މަޖިލީހުގެ އިންތިހާބުގައި ބައިވެރިވި ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާ ރައީސް މައުމޫނު މިރޭ ބައްދަލުކުރެއްވި ހަފްލާގެ ވީޑިއޯ ކްލިޕެކެވެ. ނަމަވެސް މިރޭގެ ބައްދަލުވުމުގައި އިންތިހާބުގެ ނަތީޖާއާ މެދު ޝައްކު އުފައްދާފައި ނުވާކަމަށް އެމްއާރުއެމް އިން ހާމަކުރިއެވެ.

މިރޭ އެމްއާރުއެމްގެ ފަރާތުން ކުރިއަށް ގެންދެވި ހަފްލާގައި މައުމޫން ދެއްކެވި ވާހަކައިން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި މައުމޫން ވިދާޅުވީ އެމްއާރުއެމްގެ ކެނޑިޑޭޓުން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ނާކާމިޔާބާ ކުރިމަތި ލާން ޖެހުނީ އެކަމުގެ ފުރުސަތު ހަނިވުމުން ކަމަށެވެ. އެއީ އެކިއެކި ނޭދެވޭ ނުފޫޒުތައް ފޯރުވުމުގެ ސަބަބުން ކަމަށް މައުމޫން ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުން އެދެނީ ނަޒާހަތްތެރި މަޖިލީހެއް ހޮވުން ކަމަށާއި ނަޒާހަތްތެރި މަޖިލީހެއް ގާއިމް ކުރެވޭނީ ނަޒާހަތްތެރި އިންތިހާބެއް ބާއްވައިގެން ކަމަށް މައުމޫނު ވިދާޅުވިއެވެ.

އަދި ނަޒާހަތްތެރި ކަމެއް ނެތި ބޭއްވޭ އިންތިހާބުގެ ނަތީޖާއަކީ ތެދު ހަގީގީ ނަތީޖާއަށް ނުވާނެކަމަށް މައުމޫން ވިދާޅުވިއެވެ.