ޚަބަރު

"ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ކުރިއަރުވައި ތަރައްގީކުރުން"

މަރިޔަމް ޝަހުދާ

ގައުމުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ކުރިއަރުވައި ތަރައްގީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ އިސްލާމީ ޔުނިވަރސިޓީގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން މިހާރުގެ ސަރުކާރުން ގަބޫލުކުރަނީ ހަގީގީ ތަރައްގީއަކީ އިންސާނާގެ ނަފްސަށާއި ޒާތަށް ގެނެވޭ ތަރައްގީން ހާސިލް ކުރެވޭ އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ މުޅި ތާރީހުގައި ވެސް ގައުމުގެ ބަޖެޓުން މިފަހަރު ނޫނީ ބަޖެޓުގެ އެންމެ ބޮޑު އިންސައްތައެއް ތައުލީމީ ދާއިރާއަށް ހަރަދުކޮށްފައި ނުވާނެ ކަމަށާއި މިހެން މި ސަރުކާރުން ކަން ކޮށްފައިވަނީ ގައުމަށް ތަރައްގީ ލިބޭނީ ތައުލީމަށް އިންވެސްޓްކޮށްގެން ކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ޒުވާނުންނަށް ތައުލީމީ ފުރުސަތު ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޒުވާނުން ދަރަނިވެރި ކުރުވުމަކީ ސަރުކާރުން އެދޭ ކަމެއް ނޫން ކަމަށް ވިދާޅުވަމުން މަތީ ތައުލީމަށް ހިލޭ ކިޔެވުމުގެ ފުރުސަތު ކޮންމެ މީހަކަށް ލިބެން ޖެހޭކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތީގެ ތެރެއިން ކޮންމެ ދަރިވަރަކީ، މި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނޭ ބައިވެރިއެއް. ތިޔަ ދަރިވަރުން ތައުލީމް ހާސިލް ކުރުމަށް ހޭދަކުރި ކޮންމެ ފައިސާ ފޮއްޗަކީ، އަދި ހޭދަކުރި ކޮންމެ ހިނދުކޮޅަކީ، މި ގައުމުގެ ކުރިމަގުގެ ތަރައްގީއަށް ތިޔަ ދަރިވަރުން ކުރި، ވަރަށް އަގުބޮޑު އިންވެސްޓެއް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމުގެ އިޖްތިމާއީ ފޭރާން ހެޔޮ ކުރުމުގެ ގޮތުން ތައުލީމު ހާސިލްކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީން ތަރުބިއްޔަތު ލިބިފައިވާ ޒުވާނުންތަކަކަށް ހެދުން މުހިއްމު ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.