ރައީސް ޔާމީންގެވެރިކަމުގެ ފަހުކޮޅު ހުޅުވި މާފަރު އެއާޕޯޓުގެ ރަންވޭއަށް މިއަދާ ހަމައަށް އައި އިރުވެސް ޝެޑިއުލް ދަތުރުތަކެއް ނުފަށަ އެވެ.
ރިޔާސީ އިންތިޚާބާ ދިމާކޮށް އަވަސް އަރުވާލައިގެން އެއާޕޯޓު ހުޅުވި ނަމަވެސް، އެތަން ހުޅުވީ ނުނިމެނީހެވެ. އަދިވެސް އެތަނުގެ ވަސީލަތްތައް ގާއިމުކޮށެއް ނުނިމެ އެވެ.
ކަން މިހެން އޮއްވައި އެއާޕޯޓުގެ ރަންވޭ މަތީގައި މި ވަނީ ތަފާތު ކަމެއް ހިނގައިފަ އެވެ. ރަންވޭ މައްޗަށް ވެލާ އެރީ އެވެ. ފޮޓޯ ތަކުން ފެންނަ ގޮތުގައި ރޭގެ ވަގުތެއްގައި އެރަށަށް އެރި ވެލާ ފެނިފައި ވަނީ ރަންވޭގެ މެދުގައި އޮއްވަ އެވެ. އަދި އެސޮރު ކައިރީގައި ދެތިން ބިސްވެސް އޮވެ އެވެ. އެހެން ނަމަވެސް ރަންވޭއަކީ ހަރު ތާރުކަމުން ރަންވޭ މަތީގައި ބިސް އަޅަން ވަޅެއް ނުކޮނެވޭނެ އެވެ.
ނ. އަތޮޅުން މައުލޫމާތު ދިން މީހަކު ބުނީ މާފަރު އެއާޕޯޓަށް އެ އެއާޕޯޓު ހަދާ އަބޫދާބީ ކުންފުނީގެ ބައެއް ފްލައިޓްތައް ދޭތެރެ ދޭތެރެއިން ޖައްސާ ކަމަށާއި އެހެން ނަމަވެސް އެއްކޮށް ނުނިމޭތީ ޝެޑިއުލް ދަތުރުތައް ނުފެށޭ ކަމަށެވެ.
އޭނާ ބުނީ މާފަރުގައި އެއާޕޯޓު ހަދާފައި އެ އޮތް ސަރަހައްދަކީ ވަރަށް ވެލާ ގިނަ ސަރަހައްދެއް ކަމަށާއި މިހާރު އެއޮތް ރަންވޭގެ ދެފަރާތުން ވެސް ވެލާ އެރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.