ޚަބަރު

ކުޅުދުއްފުށި ސިޔާސީ ބޮޑު ބަދަލަކަށް: މެމްބަރު ޔާސިރާއި މޭޔަރާއި ހުރިހާ ކައުންސިލަރުން އެމްޑީޕީއަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ޑިމޮކްރެޓްސް ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބުދުއްސައްތާރު "ވަން" އަށް މިރޭ ވިދާޅުވީ މެމްބަރު ޔާސިރާއި މޭޔަރު އާތިފްގެ އިތުރުން ކައުންސިލްގެ ހުރިހާ މެމްބަރުންވެސް މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

"ކައުންސިލްގެ ހުރިހާ މެމްބަރުންވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި، އޭގެ އިތުރުން އެމްޑީޕީގެ ކުޅުދުއްފުށި ދާއިރާގެ ކުރީގެ ރައީސް އަކްރަމްވެސް މިރޭ ވަނީ އަލުން ގުޅިފައި،" އަނަސް ވިދާޅުވިއެވެ.

މެމްބަރު ޔާސިރާއި މޭޔަރާއި ކައުންސިލް މެމްބަރުން ވަނީ މިރޭ އެމްޑީޕީއަށް އަލުން ސޮއިކުރައްވައި ފޯމު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވައިފައެވެ. އެހުރިހާ މެމްބަރުންނާ ރައީސް ވަނީ މިރޭ ބައްދަލުކުރައްވައިފައެވެ.

ޔާސިރު އެމްޑީޕީއާ ގުޅިވަޑައިގަތީ، ގިނަ ދުވަސްތަކެއް ވަންދެން ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ ދުރުގައި އުޅުއްވުމަށްފަހުއެވެ. އޭނާ ވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. ނަމަވެސް އޭނާ ދަ ޑިމޮކްރެސްޓް ދޫކޮށްލެއްވި ސަބަބެއް ސާފެއް ނޫނެވެ.

ޔާސިރަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެމްޑީޕީން ވަކިވެވަޑައިގެން 13 މަޖިލިސް މެމްބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ކުޅުދުއްފުށީ މޭޔަރާއި ކައުންސިލުގެ ހުރިހާ މެމްބަރުން އެމްޑީޕީ ދޫކުރައްވައި، ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ މިދިޔަ މެއި މަހުގެ 30ގައެވެ. އޭގެ ފަހުން އެބޭފުޅުން ގެންދެވީ ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ކެމްޕެއިންވެސް ކުރައްވަމުންނެވެ. ނަމަވެސް އެބޭފުޅުންވެސް ޑިމޮކްރެސްޓް ދޫކޮށްލެއްވި ސަބަބެއް ސާފެއް ނޫނެވެ.