ޚަބަރު

ގޯތި ލިބޭ މީހުންގެ މެދުގައި ގުރު ނަގަން ފަށައިފި

ފާތިމަތު ލިޔުޝާ

މާލެ ސަރަހައްދުން ގޯތި ދޭން މި ސަރުކާރުން ހިންގާ "ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގަން ފަށައިފިއެވެ.

ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ އިއްޔެއެވެ. އެ ލިސްޓުގައިވާ ގޮތުން 18،955 މީހަކަށް ގޯތި ލިބެއެވެ. އެއީ 9،001 ގޯއްޗެވެ. މި ދައުރު ނިމުމުގެ ކުރިން އެ އެންމެންނަށްވެސް ގޯތި ދީ ރަޖިސްޓަރީ ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ގޯތި ލިބުނު މީހުންގެ ގުރު ނެގުން ފެށީ މިއަދު ހެނދުނު 11:00 ގައި ގަލޮޅު ބޯޅަދަނޑުގައެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުން، ގުރު ނަގަން އަންނަންޖެހޭ ވަގުތު ގެދޮރުވެރިޔާ ޕޯޓަލް އިން ފެންނާނެއެވެ. އަދި އެ ވަގުތަށް އެ މީހަކު ނުވަތަ އެ މީހެއްގެ ފަރާތުން މީހަކު ނުފޮނުވައިފި ނަމަ، އެ މީހެއްގެ ފަރާތުން ގުރު ނަގާނީ އޮފިޝަލެކެވެ.

ގުރު ނަގަން ފެށުމުގެ ގޮތުން ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު އަދި "ގެދޮރުވެރިންގެ ކޮމިޓީ"ގެ މެމްބަރު މުހައްމަދު އާރިފު ވިދާޅުވީ، ގުރު ނަގާ މީހުންގެ ތެރެއިން ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ގޯތީގެ އިން ވަކިކޮށްދިނުން މިއަދު ހަވީރު އޮންނާނެ ކަމަށާއި އެކަމަށް ދާންޖެހޭ ވަގުތު ވަކިން އަންގާނެ ކަމަށެވެ.

އަދި މަހުގެ 17 ވަނަ ދުވަހު ހެންވޭރު ދަނޑުގައި ގުރު ނެގުން ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ތެރެއިން މި ވަގުތު ގޯތި ދޫނުކުރެވެނީ 684 މީހަކަށް ކަމަށެވެ. އެ މީހުންނަކީ ކައިވެންޏެއް ނުކޮށް ދަރިޔަކުވެސް ނެތް 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނެވެ.

އަކްރަމް ވިދާޅުވި ގޮތުގައި، އެ 684 މީހުންނަށް މި ވަގުތު ގޯތި ދޫކުރެވެން ނެތީ ބިން ނެތުމުންނެވެ. އަދި ބިން ހަމަޖެހުމުން އެ މީހުންނަށްވެސް ގޯތި ދޫކުރާނެ ކަމަށް ވިދާޅުވިއެވެ