ސަރުކާރުގެ ކުންފުނިތަކުން ބިލިއަނެއްހާ ރުފިޔާ ނުދައްކައި ހުރި ކަމަށް ޓެކްސް އިދާރާ, މީރާގެ ކުއާޓާލީ ރިޕޯޓުން ހާމަވެއްޖެއެވެ.
މީރާގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖޫން 30 ދުވަހުގެ ނިޔަލަށް އެސްއޯއީތަކުން 997 މިލިއަން ރުފިޔާ އޮތީ ނުދައްކައެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 969 މިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީ ލިބެން ޖެހޭ 28 މިލިއަން ރުފިޔާއެވެ.
އޭގެ ތެރެއިން 39,898 ރުފިޔާ މީރާއިން ވަނީ މާފު ކޮށްދީފައިވެއެވެ.
ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން, އެކި އިދާރާތަކުން ނުލިބޭ ފައިސާގެ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ނުދައްކާ ހުރީ ރިސޯޓު ކުލީގެ ގޮތުގައެވެ. ރިސޯޓު ކުލީގެ ގޮތުގައި މީރާއަށް ނުލިބި 3.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ.
އޭގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ނުލިބޭއިރު ޓީޖީއެސްޓީގެ ގޮތުގައި 973 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސްގެ ގޮތުގައި 920 މިލިއަން ރުފިޔާ އާއެކު ޓެކުހުގެ ގޮތުގައި ޖުމުލަ 4 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.