ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރާއްޖޭގެ ޓޫރިޒަމަށް މިދިޔަ މަހު 22 ޕަސެންޓްގެ ކުރިއެރުމެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މިދިޔަ މާޗު މަހު 22 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހު ޓޫރިޒަމަށް 6.5 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އަދި މާޗު މަހު 22 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 482،978 މީހުން ރާއްޖެ އައިސްފައިވެއެވެ. އަދި ރައީސް ސޯލިހު ކަނޑައެޅުއްވި ޓާގެޓަކީ 1.5 މިލިއަން ޓޫރިސްޓުން ގެނައުންކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ އެ ޓާގެޓަށް ވާސިލުވެވޭނެކަން ހިސާބުތަކުން ކަށަވަރުވެފައިވާކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޖުމްލަ ޓޫރިސްޓުން އިތުރުވިއިރު، ޗައިނާ މީހުންގެ އަދަދު އިތުރުވެ، އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ބޮޑުތަނުން މައްޗަށް ޖެހިފައިވާ ކަމަށެވެ.

މިއަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއާއި އިޓަލީ ވިލާތާއި ޖަރުމަނުވިލާތުގެ އިތުރުން އިންޑިއާއިން ރާއްޖެއައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖެއަކީ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަށް ހެދުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ދިވެހިރާއްޖެ އިތުރަށް ބްރޭންޑްކޮށް މުޅި ދުނިޔެ ގަބޫލުކުރާ ފަދަ ގައުމަކަށް ހެދުމަށް ބޭރުގެ ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ބޭރުގެ މަޝްހޫރު ފަރާތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގައި ފުޓްބޯޅަ މެޗެއް ކުޅުމަށް އިންޑިއާގެ ފުޓްބޯޅަ ޓީމަށް ދައުވަތު ދީފައިވާނެ ކަމަށާއި އަދި ބޮލީވުޑާއި ހޮލީވުޑްގެ މަޝްހޫރު ފަރާތްތައް މި މުނާސަބަތުގައި ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.