އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ގާނޫނެއް ހެދުމާއި ވަޒީފާ ހޯދުމަށް މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދޭން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯ އިފްތިތާހުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. އެ ދުވަހު އިފްތިތާހުކޮށްފައިވަނީ މެނިފެސްޓޯގައިވާ އުފާވެރި ދިރިއުމުގެ ބައެވެ.
އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވަނީ މެނިފެސްޓޯގެ ދެ ވަނަ ބައި ކަމުގައިވާ "އާ ޒުވާން ޖީލު" އިފުތިތާހުކޮށްފައެވެ.
ރޭ އިފުތިތާހު ކުރި "އާ ޒުވާން ޖީލު"ގެ ބައިގައި ޒުވާން ވިޔަފާރިވެރިންގެ ވަނީ ބައެއް ކަންކަން ހިމަނައިފައެވެ. އެގޮތުން އެންމެ ބޮޑު ކަމަކަށް ހިމަނާފައި ވަނީ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ޕޭޓެންޓްތަކާއި ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނޭ ޕްލެޓްފޯމެއް ގާއިމުކުރުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަންއެމްޕްލޯއިމަންޓް ބެނެފިޓްސް ތައާރަފުކުރުމެވެ.