މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުން މެރުމަށާއި ބޮޑެތި އަދަބުތައް ދިނުމަށް ބައެއް ސިޔާސީ ލީޑަރުން ގޮވާލާ ކަމަށާއި ނަމަވެސް އެ ޒުވާނުންނާ މެދު ގެންގުޅެންވީ ކުލުނުވެރި އެޕްރޯޗެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދުއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ޑްރަގުގައި ޖެހިފައިވާ ޒުވާނުންގެ އަދަދު ވަރަށް ގިނަ ކަމަށާއި ޑްރަގުގެ ޝިކާރައަކަށް ވާ ޒުވާނުން ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެ ޒުވާނުންގެ އާއިލާތަކުން ވޭތުކުރާ ހިތްދަތިކަމަކީ އެންމެން އަބަދުވެސް އަޑުއަހަމުންދާ ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިއަދު ކުރަންވީ ކަމަކީ ޝިކާރައަކަށް ވެފައި ތިބި ކުދިން އަނބުރާ މުޖުތުމައަށް ގެނައުމުގައި ގެންގުޅެންވީ ކުލުނުވެރި އެޕްރޯޗެއް. އެމީހުންނަށް އޯގާތެރިކަމާއެކު. ރިހެބިލިޓޭޝަންގެ ފަރުވާ ފަހިކޮށްދިނުން. އަދި ރާއްޖެއަށް ޑްރަގު އެތެރެވާ ދޮރުތައް ބަންދުކުރުން. ބައެއް ސިޔާސީ ލީޑަރުން އެބަ ވިދާޅުވޭ މަރަންވީއޭ، ބޮޑެތި އަދަބުތައް ދޭންވީއޭ. ނޫން، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ އެޕްރޯޗަކަށް ވާންވީ ކުލުނުވެރި އެޕްރޯޗެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޑްރަގުގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއްދިނީ އަތޮޅުތެރޭގައި ޑްރަގު ރިހެބިލިޓޭޝަންގެ ހިދުމަތް ފަށައިގަތުމަށް ކަމަށާއި އެގޮތުން އެކި ކަންކޮޅުތަކުގައި ރިހެބް މަރުކަޒުތައް މިހާރު ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ޑްރަގުގެ މައްސަލައަށް މުޅިން ހައްލެއް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑެއް އެއްގޮތަކަށް ވެސް ނުބުނަން މިއަދުވެސް އެ މައްސަލަ މުޅިން ހައްލުވީއެކޭ. މުޖުތަމައުގައި އޮތް ވަރަށް ބޮޑު މައްސަލައެއް އެއީ. އަދި އެކަން ވާން ކައިރިވެސް ނުވޭ. މި ކިޔަނީ 30 ނުވަތަ 40 އަހަރުގެ ބޮޑު އިހުމާލެއްގެ ވާހަކަ، މިއީ އެއް ދުވަހަކުން ރަނގަޅުކުރެވޭނެ ކަމެއް ނޫން. މި ވަބާ މުޖުތުމައުގައި މޫލާފައިވަނީ އިންތިހާއަށް. އޭގެ ހައްލު ހޯދަން އަދިވެސް ވަގުތު ނަގާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑްރަގުގެ މައްސަލައަށް މުޅިން ހައްލެއް ގެނެވިފައިނުވި ނަމަވެސް، އެކަމުގައި ރަނގަޅު ފިޔަވަޅުތަކެއް އެޅި، ރަނގަޅު މަގުން ކުރިއަށްދެވޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ކުރިއަށްއޮތް ދައުރުގެ ތެރޭގައި މިހާރު ހާސިލުކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ކޮންމެ ބާވަތެއްގެ ކުށަކަށް ހުށަހެޅިފައިވާ ފަރާތެއް ވެސް، އެ ފަރާތެއް އެ ކުށަކަށް ޒިންމާ ނެގުމަށްފަހު، އެ ފަރާތަކަށް ހާއްސަ ޓްރީޓްމަންޓް ޕްލޭނެއްގެ ދަށުން ފަރުވާދީ، ރިހެބިލިޓޭޝަނަށް ފޮނުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.