ޚަބަރު

އަޅުގަނޑުގެ ސިޔާސަތުތަކާ ހަމަހަމަކުރެވޭ ވަރުގެ ސިޔާސަތެއް ހުށަހެޅޭނެ ކެންޑިޑޭޓެއް ނުހުންނާނެ: ރައީސް

އެ މަނިކުފާނު ހުށަހަޅުއްވާ ސިޔާސަތުތަކާ ހަމަހަމަކުރެވޭ ވަރުގެ ސިޔާސަތެއް ހުށަހެޅޭނެ ކެންޑިޑޭޓެއް ނުހުންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދުއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިދިކޮޅުން ނުކުންނަ ކެންޑިޑޭޓުންގެ ތެރޭގައި ސިޔާސަތުތައް އެކިއިރު ބަދަލުކުރައްވާ ކެންޑިޑޭޓުން ވެސް ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ މި ސިޔާސަތުތަކާ ހަމަހަމަކުރެވޭ ވަރުގެ ސިޔާސަތެއް، އަޅުގަނޑުމެންނާ އެކީގައި މިއަދު ވާދަކުރަން ނުކުމެ ތިއްބެވި އެއްވެސް ބޭފުޅަކަށް ހުށަހެޅިގެންނެއް ނުދާނެ، ހުށައެއް ނޭޅުއްވޭނެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ވިސްނުން ހުރި ގޮތް. އެއް ބޭފުޅަކު ނުކުމެވަޑައިގެން އެ ހުންނެވީ އައްޑަނައާއި ހަތިޔާރު، ކަނޑިބަޑި ހިއްޕަވައިގެން. އަނެއް ބޭފުޅަކީ ހެނދުނު ތެދުވާގޮތަށް އެއް ސިޔާސަތެއް ހާމަކުރުމަށްފަހު، މެންދުރު އަނެއްގޮތަށް ބަދަލުވާނެ، ރޭގަނޑު އެހެން ވާހަކައެއް ދައްކަވާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގައި ހިމެނޭ ދެވަނަ ސިޔާސަތު މިރޭ ވަނީ އިއުލާންކޮށްފައެވެ. އެ ސިޔާސަތަކީ ޒުވާނުންނަށް ހާއްސަ "އާ ޒުވާނުންގެ ޖީލު މެނިފެސްޓޯ" އެވެ. ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަަމަ އިއުލާންކޮށްފައިވާ ސިޔާސަތަކީ "އުފާވެރި ދިރިއުޅުން" ސިޔާސަތެވެ.

ރައީސް ވިދާޅުވީ ޒަމާން ކިތަންމެ ބޮޑަށް ބަދަލުވިޔަސް، ޒުވާނުން ތަހައްމަލުކުރާ ގޮންޖެހުންތައް ބަދަލުވިޔަސް، އޭރުވެސް މިހާރުވެސް ޒުވާނުން ހަމަ ބޭނުންވަނީ އެއް ކަންތައްތަކެއް ކަމަށާއި ޒުވާނުން ބޭނުންވަނީ އެމީހުންގެ މުސްތަގުބަލު ފަހިވާން، އުޖާލާވާން ކަމަށެވެ.

"އެމީހުންނަށް ލިބޭ ފުރުސަތުތައް ފަހިވެ، ގިނަވާން. ހަޔާތުގައި ކުރިއަށްދާނެ ގޮތެއް އިހުތިޔާރުކުރުމުގެ ފުރުސަތު އިތުރުވާން. އޭރުވެސް މިހާރުވެސް ޒުވާނުންގެ އުންމީދުތައް އެއީ. ޒުވާނުން ބޭނުންވަނީ ތައުލީމީ ހުނަރު އިތުރުކުރުމުގެ ފުރުސަތު. ޒުވާނުންގެ އާ އުފެއްދުންތެރި އީޖާދީ ހުނަރުތަކަށް މަގުފަހިވާނެ ގޮތުގެ ފުރުސަތު، ކުޅިވަރުގެ ފުރުސަތު، ހަށިހެޔޮކަމާއި ދުޅަހެޔޮކަން ހާސިލުކުރުމުގެ ފުރުސަތު. ރައްޓެހިންނާ އެކީ ހުސްވަގުތު ބޭނުންތެރި ގޮތުގައި ހިފޭނެ ގޮތް އޮތުން، ހޯދައިދިނުން. ގައުމު ހިންގުމާއި ގައުމު ކުރިއަށްގެންދާނެ ގޮތް ކިޔައި، ސިޔާސަތު ބައްޓަންކުރުމުގެ ފުރުސަތު. މިއީ އޭރުވެސް، މިހާރުވެސް ޒުވާނުން ބޭނުންވާ ކަންތައްތައް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތައުލީމަކީ އިތުރު އެހެން ފުރުސަތުތަކަށް ވާސިލުވެވޭ ދޮރާށި ކަމަށާއި ކިތަންމެ ނިކަމެތި ހާލުގައި އުޅެފައި ވެސް ރަނގަޅު ތައުލީމެއް ލިބިއްޖެ ނަމަ، ދެން ފަހިވާ ފުރުސަތުތައް ވަރަށް ގިނަ ކަމަށެވެ. ސަރުކާރުން މި ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

"އެކަމަކު އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އަޅުގަނޑު އެންމެ ފަހުރުވެރިވާ ކަމަކީ އަޅުގަނޑުމެން ޒުވާނުންނަށް ތައުލީމު ހޯދައިދިނުމަށްޓަކައި ކުރެވުނު މަސައްކަތް. ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 18،000 އަށްވުރެ ގިނަ ޒުވާނުން އެދަނީ ޑިގްރީ ހާސިލުކުރަމުން. އަދި އޭގެ ތެރެއިން 7،000 ދަރިވަރުން ނިމިއްޖެ. އަދި ސަރުކާރުގެ މަތީ ތައުލީމު ލޯނު ސްކީމުގެ ދަށުން 3،000 ކުދިން، ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި ވެސް 1،200 ކުދިން މިހާރުވެސް ކިޔަވަމުން އެބަގެންދޭ. މިހާރަކު ނުޖެހޭނެ މައިންބަފައިންގެ ތަނަވަސްކަން ނެތިގެން މަތީ ތައުލީމު ނުލިބި ހުންނާކަށް. އެ ފުރުސަތު އެ އޮތީ އެންމެންނަށް ފަހިވެފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުރިހާ ޒުވާނުންނަކީ އެކަޑަމިކް ދާއިރާއިން ކުރިއަށްދާން ބޭނުންވާނެ ޒުވާނުން ނޫން ކަމަށާއި ސީދާ މަސައްކަތުގެ މާހައުލަށް އަހުލުވެރިވާން ބައެއް ޒުވާނުން ބޭނުންވާ ކަމަށެވެ. އެގޮތުން ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމުގެ ފުރުސަތުތައް ވެސް މި ސަރުކާރުން ފަހިކޮށްދީފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.