ތިމާވެށި

''ދަ ކްލީނިންގް ކުއެސްޓް'' މި ފަހަރު ރަސްދޫއަށް

މަރިޔަމް ޝަހުދާ

އައިސީއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 2017އިން ފެށިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަންނަ ''ދަ ކްލީނިންގް ކުއެސްޓް'' މި އަހަރު އއ. ރަސްދޫގައި ކުރިއަށް ގެންދިއުމަށް އެކުންފުނިން ނިންމައިފި އެވެ.

އެ ކުންފުނީގެ ސީނިއާ ސޭލްސް އެންޑް މާކެޓިންގް ކޯޑިނޭޓަރު އައިމިނަތު އިނާން އަލީ ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އައިސީއެސް މޯލްޑިވްސްއިން ރާއްޖޭގެ ދެ ރަށެއްގައި ''ދަ ކްލީނިންގް ކުއެސްޓް'' ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުންމި މަހު 26 ގައި އއ. ރަސްދޫގެ ގޮނޑުދޮށާއި ފަޅުތެރެ ސާފު ކުރުމަށް ހަމަޖެހިފައި ވާއިރު، މި އަހަރު ތެރޭ ދެން ''ދަ ކްލީނިންގް ކުއެސްޓް'' ގެ ހަރަކާތް ކުރިއަށް ގެންދާނެ ރަށެއް އަދި ކަނޑަނޭޅޭ ކަމަށް ވެސް އިނާން ވިދާޅުވިއެވެ. މީގެ އިތުރުން ވަކި ރަށެއް ކަނޑައެޅުމާއެކު އެކަން މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އިނާން ވިދާޅުވިއެވެ.

''ދަ ކްލީނިންގް ކުއެސްޓް'' އަކީ އައިސީއެސް މޯލްޑިވްސްގެ ސީއެސްއާރު ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން އަންނަނީ ކޮންމެ އަހަރަކު ރާއްޖޭގެ ކޮންމެވެސް އެއް ރަށަކަށް ގޮސް އެރަށެއް ސާފު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ. އައިސީއެސް ކުންފުނިން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ ބ. ދަރަވަންދޫގައެވެ. އޭގެ ފަހުން އއ. މަތިވެރި އަދި ކ. ދިއްފުށީގައި ވެސް ''ދަ ކްލީނިންގް ކުއެސްޓް'' ޕްރޮގްރާމް ކުރިއަށް ގެންދިޔަ ކަމަށް ސީއައިއެސް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

މި ރަށްތައް ސާފު ކުރުމަށް ފަހު އެއް ކުރެވުނު ޕްލާސްޓިކް މާލެއަށް ގެނެސް، އެތަކެތި ރީސައިކަލް ކުރުމަށް ވަކި ކުންފުންޏަކާ ހަވާލުކުރި ކަމަށް އައިސީއެސް އިން މައުލޫމާތު ދެއެވެ. އަދި މި ތިން ހަރަކާތުން މިހާތަނަށް 400 ކިލޯގެ ޕްލާސްޓިކް ރީސައިކަލް ކުރެވިފައިވާނެ ކަމަށާއި ކުރިއަށް އޮތްތާގައި ރީސައިކަލް ކުރެވޭ ކުނީގެ ނިސްބަތް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އައިސީއެސް އިން މައުލޫމާތުދެއެވެ.

''ދަ ކްލީނިންގް ކުއެސްޓް''އަކީ ގޮނޑުދޮށްތަކާއި ފަޅާއި ކަނޑުތައް ސާފުކޮށް ބެލެހެއްޓުމަށް މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން އައިސީއެސް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގެ އެހީގައި ކިތަންމެ ކުޑަ ކަމަކުން ބޮޑު ތަފާތެއް އަތުވެދާނެކަން މީހުންނަށް އަންގައިދޭން ބޭނުންވާކަމަށް އައިސީއެސް އިން ބުނެއެވެ.