ޚަބަރު

މާދަމާ ރޭ "އާތު އަވާ" ފާހަގަކުރަނީ

މާދަމާ ރޭ "އާތު އަވާ 2025" ފާހަގަކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ގެޒެޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ "އާތު އަވާ 2025" ހަރަކާތުގައި ރާއްޖޭގެ ރައްޔިތުންނާއި ދިރިއުޅޭ ފަރާތްތަކުންނާއި، ވިޔަފާރި ކުންފުނިތަކާއި، އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަކީ އެ މިނިސްޓްރީގެ އެދުމެއް ކަމަށެވެ.

އެ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:45 އިން 10:45 އަށް ކަމަށާއި އެގޮތުން، ކޮންމެހެން ބޭނުންކުރަން ޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ދިއްލުންތައް އެ ގަޑިއަށް ނިއްވާލައި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކޮށް، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި، މާހައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް އެންމެން އެކުގައި އެ ހަރަކާތުގައި ބައިވެރިވުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މި ހަރަކާތަކީ ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެކެވެ. މި ހަރަކާތަކީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ މުހިންމު ޕްލެޓްފޯމެކެވެ..،" މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުން ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓުގެ ވަގުތަށް ރަމްޒީ 'ލައިޓް އައުޓް' ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަކިވަކި ފަރުދުންނާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރުވުމަށް ހިތްވަރުދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމުން، ގުދުރަތީ ވެއްޓާއި، އެ ވެށީގައި ހިމެނޭ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެހެންކަމުން، އެ ހަރަކާތުގައި ހުރިހާ އެންމެންވެސް ބައިވެރިވުމަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ މިއަހަރުގެ "އާތު އަވާ" ހަރަކާތަކީވެސް ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ދަމަހައްޓައި، ހައުމީ ފެންވަރުގައި ކާމިޔާބު ހަރަކާތަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.