ޚަބަރު

އިންޑިއާއަކަށްވެސް އަބަދަކު ރާއްޖޭގެ ކަންކަމެއް ނުބެލޭނެ، އެކަން ކުރަން ޖެހޭނީ އަމިއްލައަށް: ގާސިމް

އަލީ ޔާމިން

އިންޑިއާއަކަށްވެސް އަބަދަކު ރާއްޖޭގެ ކަންކަމެއް ނުބެލޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ އަމިއްލައަށް ކަމަށް ޖުމްހޫރީ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީން ވިދާޅުވެއްޖެއެވެ.

ޖޭޕީން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ގިނަ އެހީތަކެއްވެދީފައިވާ ގައުމެއް ކަމަށެވެ.

ގާސިމް ވިދާޅުވީ، އިންޑިއާއާ ރާއްޖެއާ ދެމެދު ކިތަންމެ ގާތް ގުޅުމެއް އޮތް ނަމަވެސް އަބަދު އިންޑިއާއަކަށްވެސް ރާއްޖޭގެ ކަންކަން ކޮށް ނުދެވޭނެ ކަމަށެވެ.

"އެކަމު އެ ބޭފުޅުން އިންޑިއާގެ ރައްޔިތުން ނުލާހިކު ނިކަމެތި ހާލުގައި ބޯފެންފޮދު ނުލިބޭ ހާލުގައި ތިބެނީ ކިތައް ސަތޭކަ މިލިއަން މީހުންތޯ؟ އެކަން އެގޮތަށް އެ ބޭފުޅުން ތިބެގެން އަޅުގަނޑުމެންނަށް އަބަދާ އަބަދު ފޫވެއްޓިފައި އޮންނަ ފަޔަކަށް ފެންފުރާހެން އަޅުގަނޑުމެންނަށް އެކަން ފުއްދައިދެވޭނެތޯ؟ ނުކޮށްދެވޭނެ ދެއްތޯ؟ ކިތަންމެ ލޯބިވިޔަސް އަޅުގަނޑުމެންނާ ކިތަންމެ ގާތް ގުޅުމެއް ބާއްވަން ބޭނުންވިޔަސް ތާ އަބަދަކު އެގޮތަކަށް އަޅައިނުލެވޭނެ ދެއްތޯ؟" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އެއާފޯސްއެއް ގާއިމް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަވަލައިންސް ވަރުގަދަ ކުރުމަށް އެމްއެންޑީއެފްގެ ބަދަލުގައި ނޭވީގެ ހިދުމަތް ތައާރަފުކުރާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.