މުހައްމަދު އައުޒަމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖެ ދޫކޮށް ފިއްލަވަން އުޅޭ ކަމަށް ތުހުމަތުކޮށް، އެކަން ހުއްޓުވައިދިނުމަށް އެދި ގުޅިފައިވާ ޕާޓީތަކުން މައްސަލަ ހުށަހެޅުމަށް ފުލުހުންގެ އިދާރާއަށް ވަދެއްޖެއެވެ.
ދާދި ދެންމެއަކު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މައްސަލަ ހުށަހެޅުމަށް ފުލުހުންގެ މައި އިދާރާ، ޝަހީދު އާދަމް ބިލްޑިންއަށް ވަދެފައިވާ އިރު، ރައީސް ޔާމީން ފިއްލަވަން އުޅޭ ކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ވެސް ދަނީ ގިނަބަޔަކު އެކަން ހުއްޓުވައިދިނުމަށް އެދެމުންނެވެ.
ފުލުހަށް އެ މައްސަލަ ހުށަހެޅުމަށްފަހު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ފުރުއްވިޔަ ނުދީ ހިފެހެއްޓުމަކީ މިހާރު ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންގެ ވާޖިބު އަދާކޮށް އެކަން ހުއްޓުވައިދިނުމަށް އެދި ކަމަށެވެ.
"އެމްއެމްޕީއާރުސީގެ މައްސަލައާއި ހަމަ އެމްއެމްއޭ އިން ހުށަހަޅާފައި އެބައޮވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ވެސް. މި ހުރިހާ މައްސަލަތަކެއްގެ ތަހުގީގުތައް އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ފުލުސް އޮފީހުން ކުރަމުން ގެންދާނެ. މި ތަހުގީގުތައް ކުރެވެމުން ދަނިކޮށް، ދިވެހި ރައްޔިތުން ވަރަށް ކަންބޮޑުވާ ކަހަލަ ހަބަރުތަކެއް މުއުތަބަތު ގޮތަކަށް ލިބެން ފެށީ ރައީސް ޔާމީން ފުރާވަޑައިގަންނަވަން އުޅޭ ކަމުގެ ވާހަކަ،" އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަތަކެއް ތަހުގީގުކުރަމުން ދަނިކޮށް އެމަނިކުފާނަށް ފުރާވަޑައިނުގެންނެވޭނެ ކަމަށާއި ފުލުހުން އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި މިވަގުތު ރައީސްކަމުގެ މަގާމުގައި ރައީސް ޔާމީން ހުންނެވި ނަމަވެސް، ގާނޫނުގެ ތެރެއިން ފުލުހުންނަށް އެމަނިކުފާނު ހިފެހެއްޓޭނެ ކަމަށެވެ.