ޚަބަރު

އުރީދޫގެ ހިދުމަތްތަކުގެ ވެރިފިކޭޝަން ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖައްސައިފި

އުރީދޫ ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓް ކޮށްފިއެވެ.

އުރީދޫން ބުނީ، އީފާސް އިންޓަގްރޭޓް ކުރުމަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އާ ގުޅިގެން ކުރިއަށްގެންދާ އެ މަސައްކަތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކިއެކި ހިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ އިރު، މި ޕާޓްނާޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ރަމްޒު ކޮށްދޭ ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ އަޅުގަނޑުމެންގެ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓް ކުރަން." އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، އުރީދޫގެ ހިދުމަތްތަކަށް އީފާސް އިންޓަގްރޭޓް ކުރުމަކީ ޑިޖިޓަލްކޮށް ބާރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ.

"ގައުމީ ޑިޖިޓަލް އައިޑެންޓިޓީ، އީފާސް، އުރީދޫން ބަލައިގަތުމަކީ އުރީދޫގެ އަގުހުރި ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކެއް ފޯރުކޮށްދީ، ޑިޖިޓަލްއިން ބާރުވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު ހާސިލުކުރުމަށް އުރީދޫން ސަރުކާރާއެކު ކުރެއްވި ވަރަށްވެސް މުހިންމު މަސައްކަތެއް." ޝަރީފު ވިދާޅުވިއެވެ.

ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޕޯސްޓްޕެއިޑް ޕްލޭން އަޕްގުރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑު އީސިމަކަށް ބަދަލުކުރުމުގައި ކަސްޓަމަރު ވެރިފިކޭޝަންގެ ގޮތުގައި މިހާރު އީފާސް މެދުވެރިކޮށް އުރީދޫ ވެބްސައިޓަށް ލޮގިންކޮށް ހިދުމަތަށް އެދެވޭނެއެވެ.