ޚަބަރު

ވެލިދޫ ޕިކްނިކް އައިލެންޑާއި ޖޫނިއާ ކޮލެޖު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ނ. ވެލިދޫ ޕިކްނިކް އައިލެންޑާއި އެ ރަށުގައި ޖޫނިއާ ކޮލެޖެއް ހަދަން ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕިކްނިކް އައިލެންޑުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ހައުސިން މިނިސްޓްރީގައެވެ. އެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޖޫނިއާ ކޮލެޖުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އެ ދެ އެއްބަސްވުމުގައިވެސް އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ޕިކްނިކް އައިލެންޑް މަޝްރޫއުގެ ދަށުން 61،200 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 412 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. ޖުމުލަ 19.16 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވަނީ ހަ މަސް ދުވަހެވެ.

ވެލިދޫގައި ޖޫނިއާ ކޮލެޖް ތަރައްގީކުރުމުގެ މަޝްރޫއުއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ. އެ މަޝްރޫއުގެ ދަށުން ދެ ކްލާސްރޫމާއި އައިސީޓީ ލެބޯޓްރީއަކާއި ލައިބްރަރީއެއްވެސް ދެ ވޯކްޝޮޕް ހަދާނެއެވެ.