ގއ. ކޮނޑޭއަށް ދިމާވެފައިވާ ބޯހިޔާވިކަމުގެ މައްސަލަ ހައްލު ކުރުމަށް އަންނަ ދައުރުގެ ތެރޭގައި އެރަށުގައި ހައުސިން ޔުނިޓްތަކެއް އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް ހުވަދު އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮނޑޭއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮނޑޭ އަކީ އާބާދީ ކުޑަ ރަށެއް ކަމަށާއި އެހެންވެ ކުރީގެ ސަރުކާރުތަކުން އެރަށަށް މާ ބޮޑު އަޅާލުމެއް ދީފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޖަޒީރާ މެނިފެސްޓޯގެ ސިޔާސަތަކަށްވީ ވަކި ރަށެއް ތަފާތު ނުކޮށް ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން. އެގޮތުން މި ރަށަށް ވެސް ރައްޔިތުން ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތަކުގެ މަސައްކަތްތައް ނިމި، ބައެއް ކަންކަން ކުރެވެމުން އެބަދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ ދައުރުގައިވެސް ކޮނޑޭއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް މެނިފެސްޓޯގައި ހިމެނިފައިވާ ކަމަށެވެ. އެގޮތުން ކޮނޑޭގެ ބަނދަރު ބޮޑުކޮށްދީ، ފަސޭހައިން ލަފައި ފުރޭގޮތަށް ބަނދަރު ހައްދަވައިދެއްވާނެ ކަމަށެވެ.
"މި ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން ހައުސިން ޔުނިޓް އަޅައިދޭނަން. ކޮނޑޭގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވެފައި އޮތް ފުޓްބޯޅަ ދަނޑު ކުރިއަށް އޮތް ދައުރު ތެރޭގައި އަޅައި ދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކޮނޑޭން މުޅި ރާއްޖޭގެ އެންމެނަށް އެރަށުން ގޯއްޗަށް އެދެވޭ ގޮތަށް ހުޅުވާލާފައިވާތީ ކައުންސިލަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެއީ އެރަށުގެ ކުރިމަގަށް ނިންމި މުހިންމު ނިންމުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކޮނޑޭ އަކީ ބޮޑު ރަށެއް، ރީތި ރަށެއް، ތަރައްގީ ކުރެވޭނެ ރަށެއް. ކައުންސިލަށް ޝުކުރު އަދާކުރަން. ގޯތި ދިނުމަށް ހުޅުވާލި އިރުގައި މުޅި ރާއްޖޭގެ އެންމެނަށް ގޯއްޗަށް އެޕްލައި ކުރެވޭ ގޮތަށް ވަނީ ހުޅުވާލާފައި. އެއީ މިރަށުގެ މުސްތަގުބަލާ ދޭތެރޭގައި ކޮނޑޭގެ ކައުންސިލުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ވިދާޅުވިއެވެ.
ކޮނޑޭގެ ރައްޔިތުން މި ސަރުކާރަށް ތާއީދުކުރާ ކަމަށާއި މި ސަރުކާރު ބަލައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ޔަގީންކަމާ އެކުގައި 9 ސެޕްޓެމްބަރުގައި ނުކުމެ މިރަށުގެ ރައްޔިތުން އެމްޑީޕީއަށާއި ގުޅިފައިވާ ޕާޓީތަކަށް ވޯޓް ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ކުރާ މަސައްކަތުގައި ކޮނޑޭގެ ރައްޔިތުންގެ ވޯޓު ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮންމެ މީހެއްގެ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއް ކަމަށް ވިދާޅުވިއެވެ.
"އެނބުރި އަނިޔާވެރިކަމާއި ބިރުވެރިކަމަށް ދިއުން އެއީ ތިބޭފުޅުންގެ ނިންމުމާ ގުޅިފައި އޮތް ކަމެއް. އުފާވެރި އަމާން ރާއްޖެއެއް ތަރައްގީއާއެކު ކުރިއަށް ދިއުން އެއީވެސް ތިބޭފުޅުން ނިންމަން އޮތް ކަމެއް،" ރައީސް ވިދާޅުވިއެވެ.