ޚަބަރު

ދަރިވަރުންނަށް ގާސިމް ދޫކުރި ހުރިހާ ލޯނެއް މާފު ކޮށްދީފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ނުވަތަ އޭނާގެ އަމިއްލަ ނަމުގައި ދަރިވަރުން މަތީ ތައުލީމް ހާސިލު ކުރުމަށް ދޫކޮށްފައިވާ ހުރިހާ ލޯނެއް ގާސިމް މާފު ކޮށްދެއްވައިފިއެވެ.

ޖޭޕީގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް އެ ޕާޓީގެ ހެޑްކުއާޓާސް، މ.ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ގާސިމު ވިދާޅުވީ، އޭނާގެ އަމިއްލަ ހަރަދުގައި މަތީ ތައުލީމަށް ކިޔަވަން 8،000 ދަރިވަރުންނަށް އެކި އެހީތަކާއި ލޯނުތައް ދީފައިވާ ކަމަށާއި ނަމަވެސް އެ ލޯނުތައް މިހާރު މާފު ކޮށްދީފައިވާ ކަމަށެވެ.

"އެ ހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް އަޅުގަނޑު މާފުކޮށްދިނީމި. އާދެ! ވިލާ ފައުންޑޭޝަނުން ނުވަތަ ގާސިމް އިބްރާހީމް ސްކޮލާޝިޕެއް ދީގެން ކިޔަވާފައިވާ ކޮންމެ ކުއްޖަކުވެސް އަދި މިހާރު ކިޔަވަމުންދާ ކުދިންވެސް އެ ކުދިންގެ ކޯސް ނިމެންދެން ދީފައި ހުރި ހުރިހާ އެއްޗަކީ މާފު އެނގޭތޯ، ހަމަ މާފު. އެންމެ ކުއްޖަކުވެސް ބޮޑު ލާރިއެއްވެސް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް، ނުލިބުނަސް،" ގާސިމު ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މާސްޓާސް ޑިގްރީއާ ހަމައަށް ދައުލަތުގެ ހަރަދުގައި ކިޔަވައިދޭނެ ކަމަށެވެ. އަދި ސަރުކާރުން ދަރިވަރުން ނަގާފައިވާ ނަގާފައިވާ ހުރިހާ ސްޓޫޑެންޓް ލޯނެއް މާފުކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"މިހާރު ނަގާފައި ހުރި ހުރިހާ ލޯނެއްވެސް މާފު! މާފު! އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިދާރަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އެއްވެސް ދަރިޔަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނަކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ. އެންމެ ލާރިއެއްވެސް،" ގާސިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާއިންވެސް އެތައް ދަރިވަރަކަށް މާލީ އެހީ ފޯރުކޮށްދީފައިވާނެ ކަމަށާއި އެ ދަރިވަރުންގެ ލޯނުތައްވެސް މީގެ ކުރިން މާފުކޮށްދީފައިވާނެ ކަމަށެވެ.