ޚަބަރު

ވެރިކަން ލިބިއްޖެ ނަމަ ހުރިހާ ދަރިވަރުންގެ ސްޓޫޑަންޓް ލޯނު މާފު ކޮޮށްދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ވެރިކަމެއްގައި ސަރުކާރުން ދަރިވަރުން ނަގާފައިވާ ސްޓޫޑަންޓް ލޯނު މާފު ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް އެ ޕާޓީގެ ހެޑްކުއާޓާސް، މ.ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި މާސްޓާސް ޑިގްރީއާ ހަމައަށް ދައުލަތުގެ ހަރަދުގައި ކިޔަވައިދޭނެ ކަމަށެވެ.

"މިހާރު ނަގާފައި ހުރި ހުރިހާ ލޯނެއްވެސް މާފު! މާފު! އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިދާރަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އެއްވެސް ދަރިޔަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނަކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ. އެންމެ ލާރިއެއްވެސް،" ގާސިމު ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ، އޭނާގެ އަމިއްލަ ހަރަދުގައި މަތީ ތައުލީމަށް ކިޔަވަން 8،000 ދަރިވަރުންނަށް އެކި އެހީތަކާއި ލޯނުތައް ދީފައިވާ ކަމަށާއި ނަމަވެސް އެ ލޯނުތައްވެސް މިހާރު މާފު ކޮށްދީފައިވާ ކަމަށެވެ.

"އެ ހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް އަޅުގަނޑު މާފުކޮށްދިނީމި. އާދެ! ވިލާ ފައުންޑޭޝަނުން ނުވަތަ ގާސިމް އިބްރާހީމް ސްކޮލާޝިޕެއް ދީގެން ކިޔަވާފައިވާ ކޮންމެ ކުއްޖަކުވެސް އަދި މިހާރު ކިޔަވަމުންދާ ކުދިންވެސް އެ ކުދިންގެ ކޯސް ނިމެންދެން ދީފައި ހުރި ހުރިހާ އެއްޗަކީ މާފު އެނގޭތޯ، ހަމަ މާފު. އެންމެ ކުއްޖަކުވެސް ބޮޑު ލާރިއެއްވެސް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް، ނުލިބުނަސް،" ގާސިމު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާއިންވެސް އެތައް ދަރިވަރަކަށް މާލީ އެހީ ފޯރުކޮށްދީފައިވާނެ ކަމަށާއި އެ ދަރިވަރުންގެ ލޯނުތައްވެސް މީގެ ކުރިން މާފުކޮށްދީފައިވާނެ ކަމަށެވެ.