ކޮވިޑް ނައިނަމަ މި އަހަރު ނިމޭއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރު އޮންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ރޭ ގައްދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 81 ބިލިއަން ރުފިޔާއިން 51 ބިލިއަން ރުފިޔާއަށް ދަށަށް ދިޔަ ކަމަށެވެ.
އަމީރު ވިދާޅުވީ، ކޮވިޑު ނައި ނަމަ ރާއްޖޭގެ އިގްތިސޯދު އޮންނާނެ ގޮތުގެ ތަސައްވަރެއް ރައްޔިތުންނަށް ދެއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކޮވިޑު ނައި ނަމަ، ގައުމީ އުފެއްދުންތެރިކަން 140 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
"ޔޫސެބަލް ރިޒާވްގައި 500 މިލިއަން ހުންނާނެ" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު ޑަބަލްކުރާ ވާހަކަ ދައްކަނީ، ރާއްޖެއަށް އަންނަ އުމްރާނީ ތަރައްގީތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 260-280 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.