ޝަހީދާ އަބްދުﷲ ސައީދު
އއ. މަތިވެރީގައި ހުރި ގެސްޓްހައުސްއެއްގައި ރޯކޮށްލީ އެރަށު ކައުންސިލުން ކަމަށް ވިދާޅުވެ ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު މީޑިއާގައި ދެއްކެވި ވާހަކަތައް މަތިވެރި ކައުންސިލުން ދޮގުކޮށްފިއެވެ.
މަތިވެރި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެރަށުގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ހ. މާކޮށާރުގެ އަބްދުއްރައްޒާގު އަލީއަށް ޓޫރިޒަމް ޒޯނުން 10 އަހަރު ދުވަހަށް ކުއްޔަށް ދީފައިވާ ބިން މިހާރު އެއްބަސްވުމާއި ހިލާފަށް ބޭނުންކުރަމުންދަނީ ހ. ތިމާވެށި އަބްދުﷲ ޖާބިރު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އެތަނުގައި މަސައްކަތްކުރި އެރަށުގެ މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށާއި ނަމަވެސް ބިމު ކުއްޔަށް ދޭންޖެހޭ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އެކީ އެއްފަހަރާ ދެއްކުމަށް މިމަހުގެ ހަތްވަނަ ދުވަހު ކައުންސިލާ ބައްދަލުކުރާނެ ކަމަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އަދި ރޭގެ ވަގުތެއްގައި އެބިމުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޖާބިރު ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ އެރަށުގެ އާންމު މަސްލަހަތު ނަގާލައި ކައުންސިލާއި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ކައުންސިލާއި ރައްޔިތުން ބަދުނާމްކޮށް، ހަގީގަތާއި ހިލާފު ހީލަތްތެރި ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ ގެސްޓްހައުސްގައި އަލިފާން ރޯކުރީ ކައުންސިލާއި ރަށުގެ ރައްޔިތުން ކަމަށް ވިދާޅުވެ ފަތުރަަމުންދާ ދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެތަނަށް އަންނަ މުވައްޒަފުން މަސްތުގެ ހާލަތުގައި ހަމައިން ނެއްޓި ރަށުތެރޭގައި އުޅޭގޮތުގެ ޝަކުވާއާއި ކަންބޮޑުވުން ކައުންސިލާއި ހިއްސާކޮށް އެކަންވެސް ރިވެތި ގޮތުގައި ހައްލުކުރުމަށް ރައްޔިތުން މަސައްކަތްކޮށްފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އަދި ތަނުގައި ހުޅުޖެހުން ފަދަ ނާތަހުޒީބު އަމަލެއް ކައުންސިލުންވެސް އަދި ރައްޔިތަކުވެސް ނުކުރާނެކަމުގެ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށާއި ހަބަރު ފަތުރާ ވަސީލަތްތަކަށް ކައުންސިލުން ވަނީ ދީފައެވެ.
ކައުންސިލުން ބުނިގޮތުގައި ބިމު ކުލި ނުދެއްކުމާއި ރަށުގެ ޒުވާނުންނަށް ދޭން ޖެހޭ ވަޒީފާގެ ފުރުސަތުތައް ނުދިނުމާއި މުވައްޒަފުންގެ މުސާރަ ދެމުން ނުދާތީ އެކަން ހައްލުކުރުމަށް ކައުންސިލުން ކުރި މަސައްކަތްކަށް ހައްލެއް ލިބިފައިނުވާތީ ބިމާއި ބިމުގައި ހުރި އިމާރާތާއި މުދާ ކައުންސިލަށް ނެގުމަށް ރައްޔިތުން ނިންމުމާ ގުޅިގެން ކައުންސިލުން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރުމަށްފަހު އެއްބަސްވުން ބާތިލުކޮށް ތަން އަނބުރާ ކައުންސިލަށް ނެގުމަށް ފާސްކޮށްފައެވެ.