ޚަބަރު

އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު ކަމަށް ޝައުގުވެރިކަން އެބަހުރި: ނަޝީދު

އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން އެބަހުރި އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕު ލީޑުކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 70، 60 ބޭފުޅުންނާ އެކީގައި، ހުރިހާ އެންމެން ރަހުމަތްތެރިކަމާ އެކީގައި މަޝްވަރާކުރަމުން މަޖިލީހުގައި ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށާއި އެއީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ނުދެކޭ ކަމަށެވެ. އަދި ހުރިހާ މެމްބަރުން ވެސް އެދިވަޑައިގަންނަވާނީ އެބޭފުޅުންގެ ދާއިރާއަށް، އެބޭފުޅުންގެ ރަށްތަކަށް ރަނގަޅު ގޮތްގޮތް ވާން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އެކަންކަން ކޮށްދިނުމަށް، އެކަންކަން އެގޮތަށް ހަމަޖެހުމަށް އެ އޮންނަ އުސޫލުތަކާއި އެ އޮންނަ ގަވާއިދުތަކާއި ހަމަތައް އެކަށައަޅަމުން ގެންދެވޭނެ. މެމްބަރުން އެގޮތަށް އެދިވަޑައިގަންނަވާނެ ވެސްމެ، މެމްބަރުންނާ އެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މަސައްކަތްކުރެވޭނެ. އެއްވެސް މެމްބަރެއް، އެއްވެސް މެމްބަރެއް އިރާދަކުރެއްވިއްޔާ ބާކީއެއް ވެސް ނުވާނެ. އަދި އެއްވެސް މެމްބަރަކަށް އަޅުގަނޑުމެންނަށް ވަގުތު ނުދެވިއެއް ވެސް ނުވާނެ. ބައްދަލު ނުވެވިއެއް ވެސް ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މެމްބަރެއްގެ ދާއިރާއާ ގުޅޭ ކަންކަން ވެސް ހަމަޖެހިގެން ދާނެ ކަމަށާއި އެހެންނަމަވެސް އެއްވެސް މެމްބަރަކު އިންތިހާބުވުމަށް ފަހުގައި ވަކިން އޭނާގެ ދާއިރާގެ ވާހަކަ އެކަނި ދެއްކުން އެއީ އޮންނަ އުސޫލެއް ނޫން ކަމަށް ގާނޫނު އަސާސީގައި ވެސް ވާނެ ކަމަށެވެ. އަދި މުޅި ރާއްޖެއަށް ތަރައްގީ ލިބުނީމާ، އެ މެމްބަރެއްގެ ދާއިރާގެ ތަރައްގީ ވެސް އޭގެ ތެރޭގައި ހިމެނިގެން ބާރަށް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.