ޚަބަރު

ތަންތަނުގައި ރޯކުރުމުން ސާފުވަނީ އިންތިހާބު ކާމިޔާބުވާނެކަން: ރައީސް

މުހައްމަދު އިޝާން

ގއ. މަޑަވެލީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާ ބާއްވަން އޮތް ތަނުގައި ރޯކޮށްލުމުން، އެ މަނިކުފާނު އެކަން ކުށްވެރިކުރައްވައިފިއެވެ.

ރައީސްގެ ޖަލްސާ ބާއްވަން ތައްޔާރު ކުރި ތަނުގައި ރޯކޮށްލައިފައިވަނީ މިއަދު އެ މަނިކުފާނު އެރަށަށް ވަޑައިގަންނަވަން ނިންމަވާފައި ވަނިކޮށެވެ.

މަޑަވެލީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އެފަދަ ކަންކަމުން ސާފުވެގެންދަނީ އެ މަނިކުފާނަށް މި އިންތިހާބު އެއްބުރުން ކާމިޔާބުވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ވާދަވެރި ފަރާތްތަކުން އެފަދަ ކަންކަން ކުރަމުންދަނީ ގޮތްހުސްވުމުގެ ސަބަބުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ވާދަވެރިންގެ އެފަދަ ކަންކަމަށް ފޯކަސް ނުކުރައްވާ ކަމަށާއި ކުރިއަށްދަނީ އިންތިހާބު ކާމިޔާބުކުރައްވަން ކަމަށެވެ. ވާދަވެރިން ބޭނުންވަނީ އަނބުރާ 2014 ވަނަ އަހަރުގެ ނާމާން، ބިރުވެރި މާޒީ އިއާދަ ކުރަން ކަމަށާއި ނަމަވެސް އެކަމަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމަށް ތަރައްގީ ގެނެވެނީ ސިޔާސީ ހަމަޖެހުން ގާއިމުކުރެވިގެން ކަމަށާއި މި ސަރުކާރުން ވަނީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް، މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ނުގެންނަ ތަރައްގީ ގެނެސްދީފައި ކަމަށެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ، އެ ރަށުގެ ބިން ހިއްކައި ރޯ ހައުސް އަދި ފުލެޓު ހަދައިދިނުމުގެ މަޝްރޫއެއް ފަށާނެ ކަމަށެވެ. އަދި އެ ރަށުގައި އޭޓީއެމް ބަހައްޓާނެ ކަމަށެވެ.