ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ހުޅުޖަހައިފިއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިނަށް ގއ. އާއި ގދ. އަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގަންވަން އޮތީ މިއަދު ހެނދުނު 9:00 އަށެވެ. ނަމަވެސް ރައީސް މިވަގުތު ހުންނެވީ ކާޑެއްދޫގައެވެ.
މަޑަވެލިން ވާހަކަ ދެއްކި އެމްޑީޕީ މީހަކު ބުނީ ރައީސް ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ދަމާފައިވާ ބެނާތަކާއި ކަޅު މެޓްވެސް އެއްކޮށް އަނދާފައިވާ ކަމަށާއި އެތަނުގައި ޖަހާފައިވާ ގިނަ އަދަދެއްގެ ގޮނޑިތަކާއި ޕޯޑިއަމް ވެސް އަނދާފައިވާ ކަމަށެވެ.
"އަހަރުމެން ވަރަށް ދަންވި ފަހުން ތަން ތައްޔާތު ކުރުމަށް ފަހު ގެއަށް ދިޔައީ. ފަތިހު ކަމަށް ބެލެވެނީ ރޯކޮށްލީ، ބެނާތައްވެސް އެއްކޮށް އަނދާފައި. ގިނަ ގޮނޑިތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. އަލިފާން އެކީ ނިއްވާ ލެވުނީ 5:30 ހާއިރު" އޭނާ ބުންޏެވެ.
އެތަނުގައި ރޯކޮށްލުމުން، ރައީސް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގެ ޖެޓީ އޮންނަ ސަރަހައްދު އަތިރިމަތި ހަމަޖައްސައި ތައްޔާރުކޮށްފައިވާ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުން ދެންމެ "ވަން" އަށް ބުނީ މަޑަވެލީގައި އެމްޑީޕީ ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 5:34 ހާއިރު ކަމަށާއި އަލިފާން ރޮކޮށްލިތާ ގިނަ ވަގުތުތަކެއް ނުވަނީސް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ގަނޑު ކޮންޓްރޯލްކޮށް، ނިއްވާލާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ޕުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.