ދުނިޔޭގެ ގައުމު ތަކުގެ ރައްޔިތުންގެ މަޖިލިސްތައް ތަމްސީލުކުރާ ބައިނަލް އަގުވާމީ ޖަމިއްޔާ، އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއަށް ދިވެހިރާއްޖެ ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިޔަށްދާ އައިޕީޔޫގެ 140 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުން އެ ކޮމެޓީއަށް ހާޒިރުކުރީ ރާއްޖޭ ގަޑިން މިއަދު މެންދުރު ކުރީގެ ވަގުތެއްގަ އެވެ. ރާއްޖޭގެ ޑެލިގޭޝަންގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކެވެ.
ދޯހާގައި ހުންނަވައިގެން "ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ މިއަދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ މެދު ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހިންގާފައިވާ ލާ އިންސާނީ އަމަލުތަކާ ގުޅޭ ގޮތުން ކޮމެޓީން ސުވާލު ކުރެއްވި ކަމަށާއި އެކަންކަން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އެބޭފުޅުން ފާހަގަކުރެެއްވި ކަމަށެވެ.
"ކުރީގެ ވެރިކަމުގެ ތެރޭގައި މެންބަރުންނާ މެދު އެކި ކަހަލަ ނޭއްގާނީ ކަންކަން ހިންގައި، އިންސާނިއްޔަތާ ޚިލާފު އެތައް ކަމެއް ހިންގި ކަމަށާ އެހެން ނަމަވެސް އެ ހުރިހާ މެންބަރުން ވެސް މިހާރު ތިބީ މިނިވަން ވެފަ ކަމަށް އައިޕީޔޫން ފާހަގަކުރި. އެބޭފުޅުން ވިދާޅުވާ ގޮތުން ނަމަ މިހާރު ނުނިމި އޮތީ ހަމަ އެކަނި އަބްދުﷲ ރިޔާޒުގެ މައްސަލައެއް. އެއީ ކޮން ކަމެއް ކަމެއް އަޅުގަނޑަކަށް ނޭނގެ." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ހުރިހާ މެންބަރުން މިނިވަން ވެފައިވާ ކަމަށް ބުނެ، އެ މައްސަލަތަކުގެ ފައިލްތައް ބަންދުކުރަން ގަސްދުކުރާ ވާހަކަ އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އެހެން އެކަން ނުކުރުމަށް މިކޮޅުން އެދިވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު މި ބުނަނީ ތިބޭފުޅުންނަށް ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މައްސަލަތައް ނިންމައިނުލާށޭ. އެހެން އަބަދު ކަންކަން ކުރީމަ ރާއްޖެ ވަރަށް ބޮޑަށް ބަދުނާމުވާ ފަހަރު ވެސް އެބަ އާދެޔޭ. ރާއްޖެ އަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށްވާ އިރު އެހެން ބަލައިނުލައި ކަންކަން ނިންމީމަ އޭގެ ނޭދެވޭ އަސަރުވެސް ވަރަށް ބޮޑަށް ކޮށްފަ އެބަ ހުރި. އަޅުގަނޑު އަބަދުވެސް މި އެދެނީ އެމީހުން ރާއްޖެ އަންނާށޭ. މި ތަނަށް އައިސް ކަންކަން ހުރި ގޮތް ބަލާފަ ދެން ކަންކަމުގަ ގޮތް ނިންމާށޭ. ވަރަށް ހޫނުކޮށް ދިޔައީ." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ މަޖިލިސް މެންބަރުންނާ މެދު ލާއިންސާނީ އަމަލުތަކެއް މެންބަރު ގައުމަކުން ހިންގާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅުމަކީ އައިޕީޔޫއިން ކުރާން ޖެހޭ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި އަބަދު ކޮމެޓީއަށް ހާޒިރުކުރުމުން އެހެން މެންބަރު ގައުމުތަކުން ރާއްޖެއާ މެދު ދެކެނީ ވަރަށް ދެރަކޮށް ކަމަށް މޫސަ ވިދަޅުވި އެވެ.
"އެހެންވެ އަޅުގަނޑު މި އެދުނީ މިހާރު މި އޮތީ އާ ސަރުކާރެއްވެސް ހޮވިފައޭ. ތިޔަބޭފުޅުން ތިޔަ ވިދާޅުވަނީއޭ ކުރީގެ ސަރުކާރުން މެންބަރުންނާ މެދު ވަރަށް ގިނަ ލާއިންސާނީ ކަންކަން ހިންގާފައޭ ހުރީ. އެހެންވިއްޔާ މިހާރުގެ ސަރުކާރުގަ އެދިވަޑައިގަންނަވާށޭ އެކަން ކުރި ބައެއްގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން. އޭރުންނޭ އެކަންކަން އަނެއްކާވެސް ތަކުރާރު ނުވާނީ." މޫސަ ވިދާޅުވި އެވެ.
މޫސަ އިތުރަށް ވިދާޅުވީ ކުރީގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން އާ މަޖިލީހަށް ވެސް ހޮވިވަޑައިގެންފައިވާ ކަމަށާއި ހިނގަމުން މި ދަނީ އާ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހެއް ކަމަށެވެ. އެހެން ނަމަވެސް އިންސާނީ ހައްގުތަކާ ގުޅުން ހުރި އެތައް ކަމެއް ހިމެނޭ ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހުން މިހާރު ފާސް ނުވެގެން އުޅެނީ ކީއްވެތޯ ވެސް ބަލަން ޖެހޭ ކަމަށް ކޮމެޓީގައި ދެންނެވި ކަމަށެވެ.
އައިޕީޔޫގެ 140 ވަނަ އެސެމްބްލީ ކުރިޔަށް ދަނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ އާއި މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ އަދި ފޮރިން ރިލޭޝަންސް އޮފިސަރު އައިޝަތު އީމާން އެވެ.