އައިޕީޔޫ

ވެރިކަން ހަވާލުކުރުމުގެ ކަންކަން ވެސް އަމާންކަމާއެކު ކުރިއަށްގެންދާނެ ކަމަށް އުންމީދުކުރަން: އައިޕީޔޫ

ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް މަރުހަބާ ވިދާޅުވައި، ވެރިކަން ހަވާލުކުރުމުގެ ކަންކަން ވެސް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ދުނިޔޭގެ ގާނޫނު ހަދާ މަޖިލީސްތަކުގެ ޖަމްއިއްޔާ، އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)އިން ގޮވާލައިފިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ވެސް ވަރަށް ކައިރިން ބަލަމުންދާ ކަމަށް އައިޕީޔޫއިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުން މިދިޔަ އޮގަސްޓް މަހު މަޖިލިސް ބަންދުކުރުމާއި އިދިކޮޅު މެންބަރުން ބަންދުކުރުމާއި ހައުމަން ރައިޓްސްގެ ކަންކަން ބަލާފައިވާނެ ކަމަށް އައިޕީޔޫއިން ބުނެފައެވެ. މެންބަރުންގެ ހައްގުތައް ހޯދުމަށް އައިޕީޔޫގެ އެކަމާ ގުޅޭ ކޮމިޓީން ވެސް މިދިޔަ އަހަރުތަކުގައި މަސައްކަތްކުރި ކަމަށް ވެސް އައިޕީޔޫއިން ބުންޏެވެ.

އައިޕީޔޫގެ ރައީސް ގެބްރިއަލް ކުއެވާސް ވިދާޅުވީ އިންތިހާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމުން އެކަމަށް ސެލިއުޓްކުރާ ކަމަށާއި ވެރިކަން ހަވާލުކުރުމުގެ ކަންކަން ވެސް އަމާންކަމާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްވުމުން އެކަމާމެދު އުފާކުރާ ކަމަށެވެ.

"ރާއްޖޭގެ ރައީސްއާއި މަޖިލިސް އަދި ޖުޑީޝަރީއާ ދެމެދު ގާތް ގުޅުމެއް ގާއިމްކޮށްދިނުމަށް ދުނިޔޭގެ ގާނޫނު ހަދާ މަޖިލީސްތަކުގެ ޖަމްއިއްޔާއިން އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހާއެކު މަސައްކަތްކުރާނަން،" އޭނާ ވިދާޅުވިއެވެ.

އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮންގް ވިދާޅުވީ އިންތިހާބީ ރައީސް އިބޫއަށް މަރުހަބާ ދަންނަވާ ކަމަށާއި އިބޫގެ މެސެޖު ރާއްޖޭގެ ރައްޔިތުން އަޑުއަހައިފި ކަމަށެވެ.