އަހަރުގެ ބޮޑު އީދު ބަންދަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ޖުމުލަ 84،000 ދަރިވަރުންނާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލުތަކުގައި މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ 84،000 ދަރިވަރުންގެ ތެރެއިން 25،000 ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށާއި ސަރުކާރުގެ 216 ސްކޫލުގައި 73,000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށެވެ.
މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއަހަރު ގްރޭޑް އެކެއްގައި 7000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަން ފަށާ އިރު، އޭގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކަކަށް 2491 ދަރިވަރުން ވަނީ އެންރޯލްކޮށްފައެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުން ސްކޫލުތަކުގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުގެ މަތިން މިއަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށާއި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އެއީ ވ. ތިނަދޫ ސްކޫލާއި ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލާއި ކޮނޑޭ ސްކޫލް އަދި ދިއްދޫ ސްކޫލެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ބޭނުންވާ ސްކޫލު ފޮތްތައް ފޮނުވައި ނިންމައިފައިވާނެ ކަމަށާއި ސްކޫލުތަކަށް ބޭނުންވާ މުދައްރިސުންވެސް ހަމަވެފައިވާ ކަމަށެވެ. އަދި މިއަހަރު ސްކޫލުތަކުގައި 6516 ދިވެހި މުދައްރިސުންނާއި 1843 ބިދޭސީ މުދައްރިސުން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރީން ބުންޏެވެ.
މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިދިޔަ 5 އަހަރުތެރޭ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލު ކްލާސް ރޫމްތައް އިތުރު ކުރުމާއި، ސްކޫލް ހޯލްގެ މަސައްކަތްތައް އަދި ސްކޫލްތަކުގައި ހުރި އިތުރު މަސައްކަތްތައް ވަނީ ފުރިހަމަކުރެވިފައެވެ. އެ މަޝްރޫތަކުގެ ތެރެއިން މިހާރު ޖުމުލަ 63 މަޝްރޫއެއް ނިމިފައިވާ އިރު، 265 ކްލާސްރޫމާއި 20 މަލްޓި ޕޯޕަސްހޯލް އަދި 192 އެހެނިހެން ވަސީލަތްތައް ހިމެނޭ ޖުމުލަ 109 މަޝްރޫއެއް ތައުލީމީ ނިޒާމުގެ ތެރެއިން މިހާރުވެސް ކުރިއަށްގެންދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މާލޭ ސަރަހައްދުގައި އިމަރާތްކުރަމުންދިޔަ ތިން ސްކޫލެއްގެ މަސައްކަތް މިހާރު ނިމި ވަނީ ބޭނުންކުރަން ފަށައިފައެވެ. އެއީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތާއި ސެންޓާ ފޯ ހަޔާ ސެންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އާ އިމާރާތެވެ. އޭގެ އިތުރުން ދަރުމަވަންތަ ސްކޫލު ކުރިން ހިންގި އިމާރާތަށް އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ބަދަލުކޮށް މިއަދު ކިޔަވައިދޭން ފަށާނެއެވެ.