ޚަބަރު

ފޮސިމްއިން ހިންގި ޑިޕްލޮމްޓިކް ޕްރެކްޓިސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި

މުހައްމަދު އައުޒަމް

ދަ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން ހިންގި "ސެޓިފިކެޓް 3 އިން ބޭސިކް ޓްރެއިނިންގް އިން ޑިޕްލޮމަޓިކް ޕްރެކްޓިސް" ފުރިހަމަކުރި ބައިވެރިންނަށް ސެޓިފިކެޓު ދީފިއެވެ.

ކޯސް ފުރިހަމަކުރި ތިން ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް ވަނީ ކޯސް ފުރިހަމަކުރި ތިން ބައިވެރިންނަށް ތަހުނިޔާ ދަންނަވައިފައެވެ. އަދި ޚާރިޖިއްޔާގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް، މި ދާއިރާގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ފޮސިމް ފަދަ އިންސްޓިޓިއުޓެއްގެ މުހިންމުކަން ފާހަގަކުރައްވައި ކޯސް ފަރުމާކޮށް ހިންގެވިކަމަށްޓަކައި ފޮސިމްއަށް ވަނީ ތަހުނިޔާ ދަންނަވައިފައެވެ.

"ސެޓިފިކެޓް 3 އިން ބޭސިކް ޓްރެއިނިންގ އިން ޑިޕްލޮމަޓިކް ޕްރެކްޓިސް" އަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މުވައްޒަފުންނަށް ފޮސިމްއިން ހިންގި ފުރަތަމަ ކޯހެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒެގެ ދަށުން ހިންގާ އިންސްޓްޓިއުޓެއްގެ ގޮތުގައި ފޮސިމް އުފައްދާފައިވަނީ 16 ޖެނުއަރީ 2014ގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

ފޮސިމްގެ މަގްސަދަކީ ދިވެހި ޚާރިޖިއްޔާގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް ޕްރޮފެޝަނަލް ސަރވިސްއެއް އުފެއްދުމެވެ.