ޚަބަރު

ރައީސްގެ ރަނިން މޭޓަކަށް މެމްބަރު އަސްލަމް ހަމަޖައްސަވައިފި

އިބްރާހިމް ޒަކީ

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފިއެވެ.

"ވަން އޮންއިލް" އިން ގުޅުމުން ފޯނަށް ޖަވާބުދެއްވާފައިނުވާތީ، މިކަމުގައި އަސްލަމްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ނަމަވެސް އެމްޑީޕީގެ އޮފިޝަލަކު ވަނީ "ވަން އަށް އެކަން ކަށަވަރުކޮށްދީފައެވެ. އަދި ރައީސް ސޯލިހުގެ ކޯލިޝަން ޕާޓްނަރެއް ކަމަށްވާ އެމްޑީއޭގެ އޮފިޝަލަކުވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އެބޭފުޅުން ވިދާޅުވީ، އެމްޑީޕީ، އެންޑީއޭ ކޯލިޝަންގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖައްސާފައިވާ ކަމަށާއި އެކަމާބެހޭގޮތުން ކުރަން ހުރި އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ރައީސްގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖެއްސެވުމުން، މަރުހަބާ ދަންނަވައިފައެވެ.

ގާނޫނު އަސާސީ އިސްލާހުކޮށް، ރާއްޖެއަށް ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގެނައުމުގެ ހަރަކާތް ފެށީއްސުރެ އަސްލަމް ގެންދަވަނީ އެމްޑީޕީގެ އިސް ސަފުގައި ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކީވެސް އަސްލަމެވެ.

ނަމަވެސް މިހާތަނަށް އައި އިރު، ރައީސް ސޯލިހުގެ ރަނިން މޭޓްގެ ގޮތުގައި ތިން ބޭފުޅެއްގެ ނަން އައީ ކިޔަމުންނެވެ. އޭގެ ތެރޭގައި އަސްލަމްގެ އިތުރުން މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ހިމެނި ވަޑައިގަންނަވައެވެ. ނަމަވެސް ކުރިން ބޮޑަށް ލަފާކުރެވިފައި އޮތީ، ރައީސް ސޯލިހުގެ ރަނިިން މޭޓުގެ ގޮތުގައި ނަންގަވާނީ ފައިސަލް ނަސީމު ކަމަށެވެ.

ރައީސް ސޯލިހު މީގެކުރިން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބާ ގުޅިގެން އެމަނިކުފާނަށް ދިމާވެފައިވާ އެންމެ ބޮޑު މަސައްކަތަކީ ރަނިންމޭޓް ހަމަޖެއްސެވުން ކަމަށެވެ. އަދި އެކަން ކުރައްވާނީ ޕާޓީގެ އިސް ބޭފުޅުންނާ ވަކި ވަކިން ވާހަކަ ދައްކަވައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާ އިރު، މިހާތަނަށް ފޯމު ހުށަހެޅުއްވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު އެކަންޏެވެ. ނަމަވެސް ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ އެމަނިކުފާނުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލް ކޮށްފައެވެ.

މީގެކުރިން ރައީސް ސޯލިހު ވިދާޅުވީ، އެންމެ ލަސްވެގެން އިއްޔެގެ ނިޔަލަށް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް ރަނިން މޭޓު ކަނޑަނާޅައި އޮތުމުން ވަނީ އެކަން ނުވެއެވެ.