ޚަބަރު

ސަރުކާރަށް، 100 ދުވަސް، ދެން ހަމަވާނީ އަންނަ އާދިއްތަ ދުވަހަށް

އިބްރާހިމް ޒަކީ

1

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް، 100 ދުވަސް، ދެން ހަމަވާނީ އަންނަ އާދިއްތަ ދުވަހުކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.

މިއަދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން، ސަރުކާރަށް، ގުނަމުން އަންނަ ސަތޭކަ ދުވަސް ހަމަވާ ތާރީހަށް ބަދަލު އައިސްފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރަށް ސަތޭކަ ދުވަސް ހަމަވާ ދުވަހުގެ ގޮތުގައި ކުރިން ހަމަޖެހިފައިއޮތް، މިމަހުގެ 12 ވާ ހޮނިހިދު ދުވަހުގެ ބަދަލުގައި، ސަރުކާރަށް މިހާރު 100 ދުވަސް ހަމަވާނީ މިމަހުގެ 14 ވާ އާދިއްތަ ދުވަހަށް ކަމަށް ހޫދު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، ކޯލިޝަނަކުން ނުކުންނަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވައި ކުރެއްވީ، ނޮވެމްބަރު، 17، 2018 ގަ އެވެ.

ނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް ސަތޭކަ ދުވަސް ހަމަވާގޮތަށް ދުވަސްތައް ގުނުމަށް ރައީސް އޮފީހުން ހަމަޖައްސާފައިވަނީ، ބަންދު ދުވަސްތައް ނުލައި ހަމައެކަނި ސަރުކާރުގެ މަސައްކަތު ދުވަސްތައް ހިމަނައިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ފުރަތަމަ 100 ދުވަހު ހާސިލް ކުރުމަށް ޖުމްލަ 161 ވައުދެއް ވަނީ އިއުލާން ކޮށްފަ އެވެ.

ސަރުކާރަށް 100 ދުވަސް ހަމަވާން ގާންވެފައިވާއިރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރެއިން ވަރަށްގިނަ ވައުދުތަކެއް ފުއްދަވައި ދެއްވާފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟