ހދ. ހަނިމާދޫން ޢަލީ ޔާމީން (ވަން އޮންލައިން)
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކުގައި ކޯލިޝަން ހެދުމުގެ ފުރުސަތު އަދި ބަންދުނުވާ ކަމަށާއި ހުރިހާ ޕާޓީއަކަށްވެސް މަރުހަބާ ވިދާޅުވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ ސަރުކާރު ކޯލިޝަންގައި މިހާރުވެސް އޮތް އަދާލަތު ޕާޓީގެ އިތުރުން ކުރިން އިދިކޮޅު ޕީޕީއެމާއެކު މަސައްކަތްކުރި އެމްޑީއޭ އިންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމުން ކޯލިޝަން ހެދުމަށް ރައީސް ދެއްވި ދައުވަތު ގަބޫލެއް ނުކުރެއެވެ.
މި ރަށަށް މިއަދު ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ގިނަ ޕާޓީތަކުން މިހާރު ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ކަމަށާއި ނަމަވެސް އެމްޑީޕީ ކޯލިޝަނާ ގުޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.
"މިހާރު ގިނަ ޕާޓީތައް ނުކުންނާނެކަން އިއުލާނުކޮށްފައި އޮތީ. އެކަމަކު އަޅުގަނޑުމެން އޯޕަން އަދިވެސް. އަޅުގަނޑުމެން ފައިނަލް ޑިޝިޝަން އަޅުގަނޑު ނަގާނީ މާދަމާ ދޫކޮށްލާފައި އޭގެ އަނެއް ދުވަސް އެހާ ހިސާބަށް. އަޅުގަނޑު ވެލްކަމްކުރާނަން ހުރިހާ ޕާޓީތަކަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ކޮންމެ ކެންޑިޑޭޓަކަށްވެސް ވާދަކުރުމުގެ ފުރުސަތު ފަހިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ސިޔާސީ މަޝްހަރު އޮތް ގޮތުން އެއްވެސް ޕާޓީއަކީ ޗެލެންޖެއް ނޫން ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ރަށްރަށަށް ގެނެސްދެމުން އަންނަ ތަރައްގީ ރައްޔިތުން ބަލައިގެންފި ކަމަށެވެ.