މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް ބޭނުންވާ 1،500 ސޮއި ހަަމަކުރެވިފައިވާ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއާރްއެމުން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން، ކުރިމަތިލައިފައިވަނީ ފާރިސް އެކަންޏެވެ. އެހެންވެ އެ ޕާޓީން ވަނީ ފާރިސްއަކީ ރިޔާސީ ކެންޑިޑޭޓު ކަމަށް ކަނޑައަޅައިފައެވެ.
ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފާރިސް މިރޭ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން، އެމްއާރްއެމް އުވާލަން ނިންމި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާތީ ގާނޫނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް އެމްއާރްއެމްގެ ޓިކެޓުގައި ކުރިމަތިލައިގެން މަސައްކަތް ކުރަމުން ދަނިކޮށް ސިވިލް ކޯޓުން އެމްއާރްއެމްއާ ދެކޮޅަށް ނިންމުމެއް ނިންމައިފިނަމަ، ކެނޑިޑެސީ ބާތިލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އެކަން އެހެން ހިނގައިފާނެކަމަށް ވިސްނައިގެން އަޅުގަނޑު އަމިއްލަ، އިންޑިޕެންޑެންޓު ކެންޑިޑޭޓެއްގެ ގޮތުގަ ކުރިމަތިލުމަށް ބޭނުންވާ ކަންތައް އެއީ 1،500 ސޮއި ހޯދުމަކީ ދެއްތޯ. އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާތާ މިހާރު ދުވަސްކޮޅެއްވެއްޖެ. އިރާދަކުރެއްވިއްޔާ މިހާތަނަށް އައިރު 1،500 ސޮއި ހަމަކުރެއްވިއްޖެ" ފާރިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއާރްއެމްގެ މެމްބަރުންގެ އަދަދު 3،500 ވުރެ އިތުރުކުރުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. މެމްބަރުންގެ އަދަދު ގިނަ ޕާޓީތަކުގައި ވެސް މެމްބަރުން ތިބީ ކޮންމެވެސް ޒަރޫރީ ނުވަތަ އަސާސީ ބޭނުމެއް ފުއްދުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބި ހުރިހާ މީހުންނަކީ އެ ޕާޓީއަށް ތާއިދުކުރާ ފަރާތްތަކެއް ނޫން ކަމަށް ފާރިސް ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އަޑު ކެނޑިގެންދާ ގޮތަށް އިންތިހާބުގެ ކަންތައް ތަރުތީބުވަމުންދާތީ ފާރިސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވައިފައެވެ. ނަމަވެސް ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާތީ އީސީން ވަނީ އެ ފޯމު ބަލައިނުގަތުމަށް ނިންމައިފައެވެ.