ފަސް މީހަކަށް ފާޓިލިޓީ ސަޕޯޓު ކޮމިނިއުޓީގެ އައިވީއެފް ފަންޑު ދީފިއެވެ.
އެ ފަސް މީހުންނަށް އައިވީއެފް ފަންޑު ހަވާލުކޮށްދެއްވީ ފަސްޓް ލޭޒީ ފަޒްނާ އަހުމަދު ކަމަށް ފާޓިލިޓީ ސަޕޯޓުން މިއަދު ބުންޏެވެ.
ފާޓިލިޓީ ސަޕޯޓު ކޮމިނިއުޓީގެ އައިވީއެފް ފަންޑަކީ، ދަރިމައިވުމުގެ ދަތިތައް ހުންނަ ފަރާތްތަކުގެ ތެރެއިން މާލީ ދަތިތަކާއިހުރެ، އައިވީއެފް ހެދުމުގެ ފުރުސަތު ލިބިފައި ނުވާ ދިވެހި ދެމަފިރިއަކަށް އެ ޖަމިއްޔާގެ އެހީގައި ހިލޭ އައިވީއެފް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ހެދި ފަންޑަކެވެ.
އެ ފަންޑުން އެހީތެރިކަން ދިނުމަށް މީހުން ކަނޑައަޅަނީ އެހީތެރިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހާލަތު ކަށަވަރުކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިގެން ހޮވޭ ފަރާތަކަށް އަހަރަކު އެއްފަހަރު އެވެ.
"މިގޮތުން ހޮވާލެވޭ އެއް ދެމަފިރިއަކަށް ފަންޑް ހަވާލުކުރަން ގަސްތުކުރެވިފައިވީނަމަވެސް އިންޑިއާގެ ޔާމީ ފާޓިލިޓީ އެންޑް އައިވީއެފް ސެންޓާ އިންނާއި އަދި އެސްޓާ މެޑްސިޓީގެ ފަރާތުން ދެއްވި ދީލަތި އެހީއާއެކު އިތުރު ހަތަރު ދެމަފިރިއަކަށް މި އަހަރު އައިވީއެފް ހެދުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. މި ފަސް އައިވީއެފްގެ އަގު ޖުމްލަ 15000 ޑޮލަރާއި ގާތްކުރާނެއެވެ" ފާޓިލިޓީ ސަޕޯޓުން ބުންޏެވެ.
އައިވީއެފް ފަންޑް ލިބުނު ފަރާތްތަކަކީ އެވްރެޖް ގޮތެއްގައި 17 އަހަރު ކައިވެނިކޮށްގެން ދަރިއަކު ހޯދުމަށްޓަކައި އެވްރެޖްކޮށް 15 އަހަރުވަންދެން މަސައްކަތްކޮށްފައިވާ ނަމަވެސް އަދި މިހާތަނަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަސް ދެމަފިރިންކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.