ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކަންނެތް އާދަތަކަށް ދީލައިނުލައި، ހަރަކާތްތެރި ދިރިއުޅުމަކަށް އެނބުރި އައުމަށް ރައީސް އިލްތިމާސްކުރައްވައިފި

އާންމު ސިއްހަތުގެ ހޭލުންތެރިކަމުން ފެށިގެން ބޭސްފަރުވާގެ ކަންތައްވެސް ޝާމިލުވާ، ވަށައިޖެހިފައިވާ ސިއްހީ ހިދުމަތުގެ ނިޒާމެއް ބިނާކުރުމުގައި، އެންމެން ގުޅިގެން އައު މަސައްކަތްތަކެއް ފެށުމަށާއި ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކުގެ ޝިކާރައަކަށްވެ، ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ހަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެހައި ދިވެހިންނަށް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިޠާބުގައެވެ.

އާންމު ސިއްހަތުގެ ހޭލުންތެރިކަމުން ފެށިގެން، ބޭސްފަރުވާގެ ކަންތައްވެސް ޝާމިލުވާ، ވަށައިޖެހިފައިވާ ސިއްހީ ހިދުމަތުގެ ނިޒާމެއް ބިނާކުރުމުގައި، އެންމެން ގުޅިގެން އައު މަސައްކަތްތަކެއް ފެށުމަށް މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވައިލަމެވެ. ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކުގެ ޝިކާރައަކަށްވެ، ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ޙަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ..،" ރައީސްގެ ހިޠާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ދަށުން، ރާއްޖޭގެ ސިއްހީ ހިދުމަތްތައް މިއަހަރު ބޮޑަށް އަމާޒުކުރެވިގެންދާނީ "އިބްތިދާއީ ސިއްހީ ހިދުމަތް" ފުޅާކުރުމުގެ މައްޗަށް ކަމަށާއި އެއީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާ ކަންތައްތައް، ހަމަހަމަކަމާއެކު އެންމެންނަށް ފޯރުކޮށްދެވޭ ހިދުމަތެއް ކަމަށެވެ. އަދި ވަކި ޖިންސަކަށް، އުމުރަކަށް، ނަސްލަކަށް، ނުވަތަ އެމީހަކު ނިސްބަތްވާ ތަނަކަށް ބަލައިގެން ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިން ކަމަށެވެ.

"މުޅި ދުނިޔެވެސް މިއަދު ގަބޫލުކުރާގޮތުގައި، ފުރިހަމަ ސިއްހީ ހިދުމަތަކީ، އިންސާނަކަށް ވީތީ ކޮންމެ މީހަކަށްމެ ލިބެންޖެހޭނެ އިންސާނީ ހައްގެކެވެ. މިއީ ދިވެހިރާއްޖެއިން މާކުރިއްސުރެ ގަބޫލުކޮށް ނަގަހައްޓަމުން އައި އަސާސެކެވެ. އެހެންކަމުން އިބްތިދާއީ ސިއްހީ ހިދުމަތްތަކުގެ ތެރެއިން ގިނަ ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދެމުން އަންނަނީ މުޅިން ހިލެއެވެ. މައިންނާއި ޅަދަރީންނަށް ބޭނުންވާ ވެކްސިން ދިނުމާއި މާބަނޑު ދުވަސްވަރުގެ ފަރުވާތައް ދެމުން އައީ މުޅިން ހިލެއެވެ..،" އެމަނިކުފާނުގެ ހިޠާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމާއި ބޭސް ބޭނުންކުރުމަކީ، ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ތެރޭގައި ހިމެނޭ، އެންމެފަހު ކަންތައް ކަމަށާއި ރަނގަޅު ސިއްހީ ނިޒާމެއްގެ އެންމެ ފުރަތަމަ މަރުހަލާއަކީ، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ކަމަށެވެ. އަދި އެކަން ހާސިލުކުރެވޭނީ އާންމު ސިއްހަތާ މެދު، އަދި އެއިރެއްގައި ފެތުރެމުންދާ ބަލިތަކާ މެދު ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޮޑެތި ބަލިބައްޔަށް ފަރުވާކުރުމަށްޓަކައި ސަލާންޖެހުން ހުއްޓުވުމަކީ، މި ސަރުކާރުން އެންމެ އިސްކަންދޭ ސިއްހީ ސިޔާސަތެވެ. އެކަމަށްޓަކައި މި ސަރުކާރުން އަމާޒު ހިފާފައިވަނީ ސިއްހީ ފަރުވާގެ ނިޒާމު ލާމަރުކަޒީކޮށް، އެމީހަކު ދިރިއުޅޭ ރަށަކުން، އެންމެ އެކަށޭނަ ފަރުވާ ފޯރުކޮށްދިނުމަށެވެ. އެގޮތުން މިހާރު ވަނީ ސިއްހީ ހިދުމަތްދޭ، ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅައިލެވިފައެވެ..،" ރައީސް ވިދާޅުވިއެވެ.