ޚަބަރު

155 މިސްކިތެއްގައި ސޯލާ ޕެނަލް ހަރުކުރަނީ

ފާތިމަތު ލިޔުޝާ

ރާއްޖޭގެ 155 ރަށެއްގެ 155 މިސްކިތެއްގައި ސޯލާ ޕީވީ ނިޒާމު ނުވަތަ އަވިން ކަރަންޓް އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ 155 މިސްކިތެއްގައި އަވިން ކަރަންޓް އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކަމަށާއި މި ނިޒާމު ބަލަހައްޓާނީ ރަށު ކައުންސިލްތަކުން ކަމަށެވެ.

މި މަޝްރޫއަށް ބޭނުންވާ ސޯލާ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތްތައް ހޯދުމަށް މިނިސްޓްރީން މިއަދު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000 ރުފިޔާ ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ އަގަކީ 10 މިލިއަން ރުފިޔާއެވެ. އަދި މިއީ ސަރުކާރުން ކައުންސިލްތަކަށް ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެހީތެރިކަމެކެވެ.

މި ވަގުތު މިނިސްޓްރީގައި ހުރި ސާމާނު ބޭނުންކޮށްގެން އޮގަސްޓް މަހުގެ ތެރޭގައި ބައެއް މިސްކިތްތަކުގައި މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި މަޝްރޫއުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރު އަށް މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން އަންދާޒާ ކުރެއެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދް ވިދާޅުވީ މި މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވާފައިވާ ނެޓް-ޒީރޯ 2030 ޓާގެޓް ހާސިލުކުރުމަށާއި ކައުންސިލުތަކުން މިސްކިތްތަކުގެ ކަރަންޓު ބިލަށް ކުރާ ހަރަދުގެ ބޮޑު ބައެއް އެހެނިހެން މަސައްކަތްތަކަށް ބޭނުންކުރުމަށް އެހީތެރިވެދިނުމަށް ރައީސްގެ އިސްނެންގެވުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.

"ކުރިއަށް އޮތްތަނުގައިވެސް ކައުންސިލުތަކަށް އަމާޒުކޮށްގެން މިފަދަ އިތުރު މަޝްރޫއުތައް ހިންގުމަށްވެސް ސަރުކާރުވަނީ ނިންމާފައި،" މާޖިދު ވިދާޅުވިއެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިންނެވެ.