ޔޮޓް ޓުއާސްގެ ޗެއާމަން އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރު، އއ. މަތިވެރީގައި ހިންގަމުން އަންނަ "ކަޒާ މިއާ" ގެސްޓް ހައުސްއެއްގައި ރޯވެއްޖެއެވެ.
އއ. މަތިވެރި ކައުންސިލްގެ ރައީސް އިސްމާއީލް އާތިފް "ވަން އޮންލައިން"އަށް ވިދާޅުވީ މަތިވެރީގެ ގެސްޓް ހައުސްއެއްގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މަތިވެރީގެ ރައީސް ވިދާޅުވީ އެމްއެންޑީއެފް އިން ހަދިޔާކޮށްފައިވާ އަލިފާން ނިއްވާ ޕަންޕު ސެޓެއް ބޭނުންކޮށްގެން ޓީމަކުން މިހާރު އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ޓީމެއް ވެސް އަލިފާން ނިއްވުމަށް އެ ރަށަށް ދަތުރުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަލިފާން ނިއްވުމުގެ މަސައްކަތް ޓީމަކުން މިހާރު ދަނީ ކުރަމުން. އެޓީމަކީ އެމްއެންޑީއެފްގެ ޓްރޭނިން ފުރިހަމަކޮށްފައިވާ ޓީމެއް. މިހާރު ވެސް ތިން ރޫމު އެއްކޮށް އަނދާ ހުލިވެއްޖެ. އަލިފާން ނިއްވާ ޓީމުން މަސައްކަތް ކުރަމުން އަންނަނީ އިތުރަށް އަލިފާންގަނޑު ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް،" އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މަތިވެރި ގެސްޓް ހައުސްއެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:25 ހާއިރު ކަމަށާއި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާލީ އެ ރަށުގައި ތަމްރީންކޮށްފައި ތިބި ސިވިލް ފަޔާ ޓީމާއި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކީ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.