ޚަބަރު

އިންޑިއާގެ ނޭވީ ޝިޕެއް ރާއްޖެ އަތުވެއްޖެ

މަރިޔަމް ޝަހުދާ

އިންޑިއާގެ ނޭވީ ޝިޕެއް ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އިންޑިއާގެ ނޭވީ ޝިޕެއް ކަމަށްވާ "އައިއެންއެސް ސާވިތްރީ" ރާއްޖެ އައިސްފައިވަނީ އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށެވެ. އެގޮތުން މިމަހު 8 އިން 12 އަށް ކޯސްޓްގާޑާއި ގުޅިގެން މި ޝިޕް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު ސަވައިލަންސް ޕެޓްރޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ޕްޓްރޯލަކީ ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއެވެ. އަދި މި ޕެޓްރޯލުތަކަކީ 2009 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ޖުމްލަ ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕެޓްރޯލް ކުރުމުގެ ކަންކަން ނިމުމަށް ހަމަޖެހިފައިވާ މި މަހުގެ 12 ވަނަ ދުވަހު މި ޝިޕް ރާއްޖެއިން ފުރާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.