ޚަބަރު

މުޅި މާލެ ހޮޑުލުމުގައި، އައިޖީއެމްއެޗްގެ އިމަޖެންސީބައި ފުރިއްޖެ: ޑރ. ފައިސަލް

މި ވަގުތު މުޅި މާލެ އޮތީ ހޮޑުލުމުގައި ކަމަށާއި އައިޖީއެމްއެޗްގެ އިމަޖެންސީބައި (އީއާރް) ވެސް ފުރިއްޖެ ކަމަށް ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގައެވެ.

މާލޭ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބާރަށް ފެތުރެމުންދާ ކަމުގެ ކަންބޮޑުވުންތައް މިދިޔަ ހަފުތާއެއްހާ ދުވަސް ތެރޭ ސޯޝިއަލް މީޑިއާއިން އަންނަނީ ފެންނަމުންނެވެ. ކުޑަކުދީންގެ މެދުގައި މި ރޯގާ ފެތުރޭ މިންވަރު ގިނަ ކަމަށްވެސް ވަނީ ފާހަގަވެފަ އެވެ.

ޑރ. ފައިސަލްގެ ޓުވީޓު

ޑރ. ފައިސަލް ވަނީ މި ރޯގާ ޖެހި ބޭރަށް ހިންގައި ހޮޑުލާ ނަމަ، ކަން ކުރާންވީ ގޮތުގެ މުހިންމު އިރުޝާދުތަކެއް ދެއްވައިފަ އެވެ. އެ ގޮތުން އަތް ދޮވެގެން ނޫނީ ނުކެއުމާއި އަވަސް އަވަހަށް އަތްދޮންނަން އާދަކުރުމަށް އިރުޝާދު ދެއްވާފައިވެ އެވެ.

"ހޮޑަށް ދޭ ބޭސްކޮޅެއް ދީފައި މަދުމަދުން ވިޔަސް އަވަސް އަވަހަށް ދިޔާއެއްޗެހި ދެއްވާ! ފެން މަދުވިޔަނުދީ ވޭތޯ ބަލާތި! މާ ވަރުދެރަވެ ހީސްނުލައި 8 ގަޑިއިރު ވީމާ ޖެހޭނީ އައިވީކޮޅެއް ދޭން." ޑރ. ފައިސަލް ވިދާޅުވި އެވެ.

ސޯޝިއަލް މީޑިއާއިން މިއަދު ފެންނަ ބައެއް ޕޯސްޓްތަކުން ފާހަގަވާ ގޮތުގައި، ރޭވެސް ވަނީ އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ކުޑަކުދީން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.