މުޙައްމަދު ޝަމްޢޫން
މެކްސިކޯ، ކެނަޑާ އަދި އެމެރިކާގައި 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕާއި ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރަން ޖެހިއްޖެއެވެ.
ކޮލިފައިން ފުރަތަމަ ބުރުގެ މެޗުތައް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ކުޅެން ރާވާފައިވާ އިރު، މާލޭގައި ކުޅޭ ފުރަތަމަ ލެގު އޮންނާނީ 12 އޮކްޓޫބަރުގައެވެ. އަދި ދެވަނަ ލެގު 17 އޮކްޓޫބަރުގައި އޮންނާނީ ބަންގްލަދޭޝްގައެވެ.
ރާއްޖޭން ވޯލްޑް ކަޕް ކޮލިފައިންގައި ނުކުންނާނީ އަލީ ސުޒެއިންގެ ކޯޗުކަމުގައެވެ. ސުޒެއިނާ ގައުމީ ޓީމުގެ ކޯޗުކަން ހަވާލުކުރަން ނިންމާފައިވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހު ގައުމީ ޓީމާ ހަވާލުވެހުރި ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެއްބަސްވުން އާނުކުރަން ނިންމާފައިވާތީއެވެ. މޮރިއޭރޯގެ ސާފް ޗެމްޕިއަންޝިޕް ނަތީޖާތައް ދަށްވުމާއެކު އެފްއޭއެމްއިން ވަނީ އޭނާ މަގާމުން ދުރުކުރަން ނިންމާފައެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، ބަންގްލަދޭޝް ދެމެޗުން އަދި ރާއްޖެ ދެމެޗުން ވަނީ މޮޅުވެފައެވެ. 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި، ސާފް ޗެމްޕިއަންޝިޕްގައި މާލޭގައި ރާއްޖޭން ވަނީ އަލީ ސުޒޭންގެ ކޯޗުކަމުގައި 2-0 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ. އޭގެ އެއްމަސް ފަހުން، ނޮވެމްބަރު މަހުގައި ސްރީ ލަންކާގައި ކުޅުނު ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް ވަނީ 2-1 އިން މޮޅުވެފައެވެ. އެއީ، 18 އަހަރު ތެރޭ ބަންގްލަދޭޝަށް ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އަތުން ލިބުނު ފުރަތަމަ މޮޅެވެ. ރާއްޖޭގެ ކޯޗަކަށް ހުރީ މޮރިއޭރޯއެވެ. މޮރިއޭރޯގެ ކޯޗުކަމުގައި 2022 ވަނަ އަހަރުގެ މާޗް މަހު ރާއްޖޭގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ގައުމީ ޓީމު ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ.
އޭގެ ފަހުން މޮރިއޭރޯ ކޯޗުކަމުގައި މިދިޔަ މަހުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއިން ވަނީ ރާއްޖެ އަތުން 3-1 އިން މޮޅުވެފައެވެ. އެއީ، 2003 ވަނަ އަހަރުގެ ފަހުން ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ފުރަތަމަ ފަހަރެވެ.