ފަލަސްތީނު އޮތް ދަތި ހާލަތުގައިވެސް އެގައުމުގެ ގައުމީ ޓީމުން ދައްކަމުންދާ ހިތްވަރަށް ދެކުނު ކޮރެއާގެ ކެޕްޓަން، ޓޮޓެންހަމްގެ ފޯވަޑް ސޮން ހިއުން-މިން ތައުރީފު ކޮށްފިއެވެ.
އޭޝިއާގެ ވޯލްޑް ކަޕް 2026 ގެ ކޮލިފިކޭޝަން ތިންވަނަ ބުރުގައި ފަލަސްތީނާއި ދެކުނު ކޮރެއާއިން ގްރޫޕް ބީގައި ވާދަކުރަމުންދާ އިރު، ދެގައުމުން ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް ކުޅުނު ހަ މެޗުން 14 ޕޮއިންޓާއެކު ކޮރެއާ އެ ގްރޫޕްގެ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ އިރާގެވެ. އެއީ ހަ މެޗުން 11 ޕޮއިންޓާއެކުގައެވެ. އޭޝިއާގެ ކޮލިފިކޭޝަން އުސޫލު އޮންނަ ގޮތުން ތިންވަނަ ބުރުގެ ތިން ގްރޫޕުގެވެސް އެއްވަނަ އަދި ދެވަނަ ޓީމަށް ވޯލްޑް ކަޕުން ފުރުސަތު ލިބޭނެއެވެ.
އޭގެ ދަށުން ތިންވަނައާއި ހަތަރު ވަނައިގައި އޮންނަ ޓީމަށް އަދި ހަތަރުވަނަ ބުރެއްގައި ވާދަކުރަން ފުރުސަތު ލިބޭ އިރު، މިވަގުތު ތިންވަނައިގައި އޮތީ ޖޯޑަންއެވެ. އަދި އޮމާން އޮތީ ހަތަރުވަނައިގައެވެ. ހަ މެޗުން ތިން ޕޮއިންޓާއެކު ފަލަސްތީނު ގްރޫޕް ފުލުގައި އޮތް އިރު، ކުވައިތު އޮތީ ފަސްވަނައިގައެވެ.
ރޭގެ މެޗުގައި ދެކުނު ކޮރެއާއިން މެޗު އެއްވަރުކުރީ ސޮންގެ ގޯލަކުންނެވެ. އޭގެ ކުރިން 16 ވަނަ މިނެޓުގައި ފަލަސްތީނުގެ ގޯލު ޖެހީ ޒެއިދު ގުންބާރެވެ. އެއީ ދެކުުނު ކޮރެއާގެ ފަހަތުން ހެދި ގޯހަކުންނެވެ.
"އަހަރެން ބޭނުން ފަލަސްތީނަށް ތައުރީފުކުރަން. އަހަރެން ގަބޫލުކުރާ ގޮތުގައި ފަލަސްތީނަކީ އުނދަގޫ ހާލަތެއްގައިވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމެއް. އުނދަގޫ ހާލަތެއްގައި ތައްޔާރުވެގެންވެސް ފަލަސްތީނުން ރަނގަޅަށް ޕްލޭން ތަންފީޒުކުރި. އެޓީމުން އަހަރެމެންވެސް ކަންތައްތަކެއް ދަސްކުރަން އެބަޖެހޭ،" ސޮން ބުންޏެވެ.
އިޒްރޭލުގެ ލާއިންސާނީ އެތައް އަނިޔާއެއްގެ ސަބަބުން ފަލަސްތީނު އޮތީ ސުންނާފަތިވެފައެވެ. މިހާރު ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ކުޑަކުދިންނަކާއި އާއްމުންނެއް ޝަހީދުވަމުންދާ އިރު، އެގައުމުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހޯމް މެޗުތައް ކުޅެމުންދަނީ ނިއުޓްރަލް ދަނޑުތަކުގައެވެ. އެއީ ގައުމުގައި މެޗު ކުޅެވޭނެ ހާލަތު ނެތުމުންނެވެ.
ސޮން ބުނީ ގައުމުގެ ހާލަތު އެހާ ދަށްކޮށް އޮއްވައިވެސް ފަލަސްތީނު ޓީމުން ދައްކަމުންދަނީ އާދަޔާހިލާފު ހިތްވަރެއް ކަމަށާއި، އެކަމަށް ތައުރީފު ހައްގު ކަމަށެވެ.