މާލެއިން ރަށްރަށަށް ހިޖުރަކުރާ މީހުންނަށް ގެދޮރާއި މާލީ އެހީދޭން ދަ ޑިމޮކްރެޓުން ވައުދުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ކުޅުދުއްފުށި ސިޓީގެ ހަރުގޭގައި އަދި ރާއްޖޭގެ 50 ރަށެއްގައި މިރޭ ވަނީ އެ ޕާޓީގެ "ލާމަރުކަޒީ ބަދަލު" ސިޔާސަތު ތައާރަފުކޮށްފައެވެ.
ކުޅުދުއްފުށީގެ ދަ ޑިމޮކްރެޓްސް ހަރުގޭގައި ލާމަރުކަޒީ ސިޔާސަތު ތައާރަފުކޮށްދެއްވަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީކޮށް، މާލެ ސަރަހައްދު ތޮއްޖެއްސުން ކުޑަކުރާނެ ކަމަށެވެ. އެކަން ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ގާއިމުކުރައްވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އެ އާބަން ސެންޓަރުތަކަށް މާލެއިން ހިޖުރަކުރާ މީހުންނަށް "ސެޓަލްމެންޓް އެލަވަންސް"ގެ ގޮތުގައި މާލީ އެހީ ލިބިގެންދާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ނަމަވެސް އާބަން ސެންޓަރުތައް ގާއިމުކުރަން ހަމަޖެހިފައިވަނީ ކޮން ސަރަހަދުތަކެއްގައިކަން އޭނާ ވިދާޅެއް ނުވެއެވެ.
އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރާ ބައެއް ރަށްތައް "ސްމާޓް ސިޓީ" އަކަށް ބަދަލުކުރައްވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އަދި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތައް އެ ސަރަހައްދުތަކަށް ބަހާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކައުންސިލުތަކުގެ ބާރުވެރިކަމުގެ ސިޔާސަތުގެ މައުލޫމާތުދެއްވަމުން އިލްޔާސް ވިދާޅުވީ ކައުންސިލް ނިސްބަތްވާ ރަށުގެ 60 ޕަސަންޓް ޖީޑީޕީއާ ހަމައަށް ސޮވެރިން ދަރަނި ނަގައިދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުން ނަގާ ގްރީން ޓެކްސްގެ 100 ޕަސަންޓް އެ ރަށެއްގެ ގްރީން ފަންޑަށް ޖަމާވާނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. މީގެ އިތުރުން ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 ޕަސަންޓް އެ ރިސޯޓެއް ހިންގާ އަތޮޅެއްގެ ގްރީން ފަންޑަށް ޖަމާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ކައުންސިލުތަކަށް މިހާރު ދެމުން ގެންދަނީ އަތޮޅު ރިސޯޓު އަދި އިންޑަސްޓްރިއަލް ރަށްރަށުގެ ކުލީގެ ގޮތުގައި ދައްކާ އަދަދުގެ 40 ޕަސަންޓު ކަމަށާއި ދަ ޑިމޮކްރެޓްސްގެ ސިޔާސަތަކީ އެ އަދަދު 50 ޕަސަންޓަށް ބަދަލުކުރުން ކަމަށެވެ. އަދި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުން ދައްކާ ޖީއެސްޓީގެ 50 ޕަސަންޓު ވެސް އެ ރަށަކަށް ލިބިގެންދާނެ ކަމަށާއި ޔުޓިލިޓީ އިންފްރާސްޓްރަކްޗާގެ މިލްކުވެރިކަން ކައުންސިލުތަކަށް ބަދަލުކުރައްވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން މުޅި މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގޮނޑިއަށް ބަދަލުކޮށް އެވަރުގައި ހިފަހައްޓައި، ކުދި ދާއިރާތަކުގެ ބަދަލުގައި މުޅި އަތޮޅުން މެމްބަރުން އިންތިހާބުކުރާނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަތޮޅުތަކުންނާއި މާލެއިން އިންތިހާބުކުރާ މަޖިލީހުގެ މެމްބަރުންގެ އަދަދު 55 އަށް ކަނޑައަޅައި، އަންހެނުންނަށް ހާއްސަ އުތުރު، ހުޅަނގު، މެދު އަދި ދެކުނު އަށް ގޮނޑި މުޅި ރާއްޖެއިން ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުން ތަމްސީލުކުރަން މަޖިލީހުން ދެ ގޮނޑި ކަނޑައެޅުމާއި، ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންގެ ތެރެއިން ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތަށް ބަލައި ނޭޝަނަލް ލިސްޓުގެ ގޮތުގައި 11 ގޮނޑި މަޖިލީހުގައި ކަނޑައެޅިގެންދާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ދައުރުގެ ތެރެއިން މެމްބަރަކު ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުކުރާ އިލެކްޓޮރޭޓްގެ ރައްޔިތުންނަށް ފެނިއްޖެ ހިނދެއްގައި މެމްބަރުންގެ ރީކޯލް ވޯޓު ނެގޭނެ ގޮތެއް ގާނޫނުގައި ކަނޑައެޅުމަކީ ދަ ޑިމޮކްރެޓްސްގެ ސިޔާސަތެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ މަޖިލީހަށް އިންތިހާބުވާ މެމްބަރުން، މަސައްކަތަށް ހާޒިރުނުވާނަމަ ގަޑިޖެހޭ ބައެއް ކަމަށް ކަނޑައަޅާނެ ކަމަށެވެ. އަދި މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތަކެއް ކަނޑައަޅާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.