ޚަބަރު

ނާސިރުގެ މޫރިތިކަމުގެ ސިފަ ވެރިންގެ ކިބައިން ފިލައި ދިއުމުން ހިތާމަކުރަން: ގާސިމް

މުހައްމަދު އިޝާން

ރާއްޖޭގެ ކުރީގެ ރައީސް އަދި މިނިވަންކަމުގެ ބާނީ އިބްރާހީމް ނާސިރުގެ ވެރިކަމުގެ މޫރިތިކަމުގެ ސިފަ، ނާސިރަށްފަހު ހަވާލުވި ވެރިންގެ ކިބައިން ފިލައިގެން ދިއުމުން ހިތާމަކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި މިރޭ ބޭއްވި "ދިވެހިންގެ ގައުމު ދިވެހީންނަށް، މިނިވަން ދުވަސް 2023" ކެމްޕޭން އިވެންޓުގައި ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 58 އަހަރުވެފައިވާ އިރު، ދިވެހިން މިތިބީ ކޮން ހާލެއްގައިތޯ ކަމާމެދު ދިވެހިން ސުވާލުކުރާ ކަމަށެވެ. އަދި ވިދާޅުވީ "ދިވެހިން މިއަދު ގޮވަނީ ދިވެހިންނަށް ދިވެހި ގައުމު ލިބެންޖެހޭނެ" ކަމަށެވެ.

"ރައީސް އިބްރާހީމް ނާސިރު ރާއްޖެ މިނިވަންކުރެއްވި އިރު، ރާއްޖެ އޮތް ހާލަތާ މިއަދާ ކިތަންމެހާ ވެސް ތަފާތު. ނަމަވެސް އެ ހޯދަވައިދެއްވި މިނިވަންކަމާއި، ނުގުޑާ ފަދަ އަޒުމާއި، މޫރިތިކަން ދިވެހި ވެރިންގެ ކިބައިން ފިލައިގެން ދިޔަ ކަމީ ހިތާމައިގެ ކޮޅެއްނެތްހާ ދެރަކަމެއް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖެ މިހާރު ދެކެމުންމިދާ ތަރައްގީގެ ބާނީއަކީ ނާސިރު ކަމަށާއި ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ނާސިރު ފެއްޓެވީ ސުމަކުން ކަމަށެވެ،

ރާއްޖެ ކުރިން ދެކިފައިނުވާ ފަދަ އިޖުތިމާއީ ދުޅަހެޔޮކަމާއި، އިގުތިސޯދީ ތަރައްގީއާއި، ހިންގުމުގެ ދާއިރާއަށް ގެނައި ބަދަލުގެ އިތުރުން މުވާސަލާތީ ގޮތުންނާއި ސިއްހީ އަދި ތައުލީމާ ގޮތުން ރާއްޖެ ބިނާކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ނާސިރު ކަމަށް ގާސިމް ވިދާޅުވިއެވެ. ރާއްޖޭގެ މައި އިގުތިސޯދު ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ މިހާ ހިސާބަށް އައިސްފައި މިވަނީ ވެސް ނާސިރުގެ ބުރަ މަސައްކަތުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ހަމަ އެހެންމެ އެތެރޭގެ ހަމަނުޖެހުންތައް ނައްތާލައި ގައުމު ބައިބައިވުމުގެ ނުރައްކަލުން ސަލާމަތްކުރެއްވި ބަތަލަކީވެސް މަރުހޫމް އިބްރާހީމް ނާސިރު. މީގެ އިތުރުން އެމަނިކުފާނަކީ ގައުމުގެ އިގުތިސޯދު ސުމަކުން ފަށައިގެން ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތުގައި އެއީ ގައުމުގެ އިގުތިސޯދުގެ މައި ދެ ތަނބުގެ ގޮތުގައި ތަރައްގީކުރެއްވި ބޭފުޅާވެސްމެ،" ގާސިމް ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ ދަތުރުފަތުރުކަމުގެ ދަތިކަން ނައްތާލައި، ދަތުރުފަތުރުގެ މިނިވަންކަން ހޯދައިދެއްވީ ނާސިރު ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބާނީއަކީ ވެސް ނާސިރު ކަމަށް ގާސިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ހާރިޖީ ސިޔާސަތަށް ތައުރީފުކުރައްވައި ގާސިމް ވިދާޅުވީ، މައުމޫނުގެ ވެރިކަމުގައި ރާއްޖެއަކީ ފުރިހަމަ މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅުނު ގައުމެއް ކަމަށެވެ.