އިބްރާހިމް ޒަކީ
އިއްޔެ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއަށް އިހުތިރާމްކޮށް، ގައުމުގެ ސުލްހަ މަސަލަސްކަމަށް އިސްކަން ދިނުމަށް ހުރިހާ ފަރާތްތަކަށް، ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސް ކޮށްފިއެވެ.
މިނިދިޔަ މަޖިލިސް އިންތިހާބާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިންތިހާބުގެ ވޯޓު ލުމުގެ ކަންތައް ކުރިއަށް ގޮސްފައިވަނީ، އަމާންކަމާއެކުގައި ކަމަށެވެ. އަދި އިންތިހާބުގެ ކަންކަން އަމާން ކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދެވިފައި ވަނީ، އިލެކްޝަންސް ކޮމިޝަން އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސިޔާސީ ޕާޓީތަކާއި އާއްމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކީގައި ކަމަށްވެސް އެޗްއާރުސީއެމުން ބުނެފައިވެއެވެ.
އެޗްއާރުސީއެމުން ބުނެފައިވަނީ، އިންތިހާބާބެހޭގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކާއި ފާހަގަ ކުރެވުނު ކަންތައްތަަކަށް، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ހުށަހެޅުނު 5 މައްސަލައަކަށާއި، އިންތިހާބު މޮނީޓަރ ކުރިއިރު ފާހަގަ ކުރެވުނު ކަންތައްތަކަށް ހައްލު ހޯދައިދީފައި ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެޗްއާރުސީއެމުންގެ ބަޔާނުގައި ބުނެފައިވަނީ، އިންތިހާބަކީ ގާނޫނުއަސާސީ އާއި އިންތިހާބާ ގުޅޭ ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ފަދަ، މިނިވަން އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކުރުމަށްޓަކައި، 20 ވޯޓު ފޮށްޓެއް ކައިރީގައި ކޮމިޝަނުން ހަރަކާތްތެރިވި ކަމަށެވެ.
އަދި އިންތިހާބުގައި ފާހަގަ ކުރެވުނު ކަންތައްތަކާބެހޭގޮތުން އެކުލަވާލާ ރިޕޯޓް އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.