މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލައިފިއެވެ.
އެމްއާރުއެމުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާފައިވަނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅަންވާ ފޯމު އަދި އިންތިހާބުގެ ޓައިމްލައިން https://mrm.mv/dv/ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެމްއާރުއެމުން ބުންޏެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާ ފަރާތަކީ ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮށްފައިވާ އިއުލާނުގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި އެ މީހަކީ އެމްއާރުއެމްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް އެމްއާރުއެމުން ބުންޏެވެ. އަދި އެ ފަރާތުން ޕާޓީގެ އިގުރާރުގައި ސޮއިކުރަންވާނެ ކަމަށް އެމްއާރުއެމުން ބުންޏެވެ.
އެމްއާރުއެމުން ބުނީ ޕްރައިމަރީގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށާއި ވޯޓުލުން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށެވެ.
އެމްއާރުއެމުން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން އެ ޕާޓީގެ އޮފިޝަލަކު "ވަން" އަށް މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ ރިޔާާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ނެރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަން ނިންމައި، ފާރިސްގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން އެމްއާރުއެމުން ނިންމާފައިވާ އިރު، ގާނޫނުގައިވާ އަދަދަށް މީހުން ހަމަނުވާ ކަމަށްބުނެ، އެ ޕާޓީ އުވައިލުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމާފައިވާ ނިންމުމަށް އަމަލު ނުކުރުމަށް ސިވިލްކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެއީ އެ ޕާޓީ އުވާލި މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައަށް މައުލޫއީގޮތުން ގޮތެއް ނިންމުމަށްޓަކައެވެ.
އެ އަމުރު މުރާޖައާކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅުމުން، އެ އަމުރު މުރާޖައާ ކުރެވެން ނެތް ކަމަށްވެސް އެ ކޯޓުން ވަނީ ނިންމައިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފައެވެ. މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވަނީ، އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ކަމާބެހޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އީސީގެ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. ކޮމިޝަނަށް އެ ތަކެތި ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.