މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރެވޭނީ 21 އަހަރަށް ކަމަށް ގަވާއިދުގައި ބަޔާންކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" އާންމުކޮށްފައެވެ.
އެ ގަވާއިދުގައިވާ ގޮތުން އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށް ދޫކުރާނ،ީ އެ ރަށެއް ނުވަތަ އެ ސިޓީއެއްގެ ކައުންސިލުންނެވެ. އަދި ފަޅު ރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސޯސްގައި ނުހިމެނޭ ފަޅު ރަށްރަށް ދޫކުރާނ،ީ ޕްލޭނިން މިނިސްޓްރީން ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ފަޅު ރަށްރަށް ދޫކުރާންވާނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެން އެންމެ އެކަށީގެންވާ ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަށް ކަމަށާއި ނުވަތަ ރަށުގައި ކުރަން ބޭނުންވާ ކަމަކާ ބެހޭ ތަފުސީލު ރިޕޯޓަކާއެކު ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހެޅުމުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅާ ފަރާތަކަށެވެ. މީގެ އިތުރުން ސަރުކާރުގެ އިސްނެގެމަށް ފަޅުރަށެއް ބަލަހައްޓަން ވަކި ޝަރުތުތަކަކާއެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެންގިދާނެއެވެ.
އެގޮތުގެ މަތިން ފަޅު ރަށްރަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 21 އަހަރުކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަޝްރޫއު ހިންގާ ރަށްރަށާއި، ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށް އިސްތިސްނާވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހުތިސޯސްގައި ނުހިމެނޭ ފަޅުރަށެއް ހޯދުމަށް ކައުންސިލަކުން ހުށަހަޅައިފިނަމަ އަމަލުކުރާނީ ރަށްތައް ދޫކުރުމުގައި ރިއާޔަތްކުރަން ޖެހޭނެ ކަންކަމަށް ކަމުގައި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގެ ދަށުން ހަދާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަޅުރަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށްޓަކައި މުއްދަތު ހަމަވުމުގެ 12 މަސް ދުވަހާއި 24 މަސްދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައި، ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ދޫކުރެވިފައިވާ މުއްދަތު ޖުމުލަ 50 އަހަރު ދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން އިތުރުކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ
ފަރާތަށް ލިބިގެންވެއެވެ.
އެގޮތަށް 50 އަހަރަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނީ އެ ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވާނަމަ އެވެ. މަސައްކަތް ކުރިއަށްދާ ކަމަށް ބަލާނީ މަސައްކަތުގެ 75 ޕަސަންޓް ފުރިހަމަވެފައިވާނަމަ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން އެ ރަށުގައި ކުރަންޖެހޭ މަސައްކަތުގެ ޖުމުލަ އަގުގެ 75 ޕަސަންޓް ފައިސާ މަސައްކަތަށް އިންވެސްޓް ކޮށްފައި ހުންނަންވާނެއެވެ.
ކުއްޔަށް ދޫކޮށްފައިވާ ފަޅު ރަށުގައި ހިންގި އަމަލަކީ ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފު ޖިނާއީ ކުށެއް އެކުލެވިގެންވާ އަމަލެއްނަމަ ކަމާ ގުޅުންހުރި ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ކަމާބެހޭ
ފަރާތްތަކަށް ފަޅުރަށް ދޫކުރާ ފަރާތުން މައްސަލަ ހުށަހަޅަންވާނެއެވެ.
"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުން ފަޅު ރަށެއް ކުއްޔަން ދިންކަމުގެ އެއްބަސްވުން ބާތިލުކުރެވޭނީ ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހިނދެއްގައި އަދި ރަށު ކައުންސިލަށް އެ ރަށް ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަންޏެވެ.