ޚަބަރު

ޕްރައިމަރީ ބާއްވާ ދުވަހު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރާ މީހުންނަށް ވެސް ވޯޓު ލެވޭނެ

މުހައްމަދު އިޝާން

ދަ ޑިމޮކްރެޓްސް ރިޔާސީ ޕްރައިމަރީ ބާއްވާ ދުވަހު އެ ޕާޓީއަށް ސޮއިކުރާ މީހުންނަށް ވެސް ޕްރައިމަރީގައި ވޯޓު ލެވޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ. ދަ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރިޔާސީ ޕްރައިމަރީއަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލައިފި ނަމަ، މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ. ފެންނަ ނުފެންނަ ވޯޓުން އެ ކެންޑިޑޭޓަކަށް މެންބަރުންގެ 10 ޕަސެންޓު ވޯޓު ލިބިއްޖެ ނަމަ، އެ ކެންޑިޑޭޓަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ކަނޑައަޅަންވާނެ ކަމަށް އަސާސީ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ދަ ޑިމޮކްރެޓްސް އިން ވަނީ މިއަދު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ދަ ޑިމޮކްރެޓްސްއަކީ އަލަށް އުފެއްދި ޕާޓީއަކަށްވާތީ ޕްރައިމަރީ ވާދަވެރިނުވާނެ ކަމަށެވެ.

ނަމަވެސް 20 މެންބަރުން ހަމަވާ ކޮންމެ ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި އޮންލައިންކޮށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. އަދި ހަމަ އެ ދުވަހު ޕާޓީއަށް ސޮއިކޮށް ވޯޓު ލެވެން ހުންނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

"ވޯޓުލާ ދުވަހު ވޯޓުލަމުން ދަނިކޮށް ވެސް ޕާޓީގެ މެންބާޝިޕަށް ވަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެވޭނެ، އަދި އެކަމަށް ކެމްޕޭން ވެސް ކުރެވޭނެ، ވޯޓު ލަމުންދާއިރު ވެސް ޕާޓީގެ މެންބަރުންނަށް ވުމަށްފަހު ވޯޓު ލެވޭނެ އިންތިޒާމު ވެސް،" ހަސަން ލަތީފު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ 14:00 އިން 18:00 އަށެވެ.

ހަސަން ލަތީފް ވިދާޅުވީ އެ ޕްރައިމަރީ ވާދަވެރިނުވާނެތީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުންދަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކަމަށެވެ.