ޚަބަރު

އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރަން ފަށާނެ : އިލެކްޝަންސް

އަހުމަދު ޖައިޝަން

އިއްޔެ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާންކުރަން ފަށާނެ ކަމަށެވެ.

މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބަކީ މިހާތަނަށް މަޖިލީހުގެ އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލި ފަހަރު ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަހަރުގެ އިންތިހާބުގައި 212،079 މީހުން އިންތިހާބުގައި ވޯޓު ލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންތިހާބުގެ މިހާތަނަށް ގުނާފައިވާ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު ސަރުކާރު ހިންގާ އެމްޑީޕީއަށް ވަނީ ސުޕަ މެޖޯރީޓީއެއް ލިބިފައެވެ. އެގޮތުން މިހާތަނަށް ނަތީޖާ ދައްކާގޮތުން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 68 ދާއިރާގެ ގޮނޑި ވަނީ އެމްޑީޕީން ކާމިޔާބުކޮށްފައެވެ.

ދެވަނައަށް އެންމެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވަނީ ޖުމްހޫރީ ޕާޓީންނެވެ. އެއީ ހަތް ގޮނޑިއެވެ. ޕީޕީއެމްއާއި ޕީއެންސީއަށް ޖުމްލަ ފަސް ގޮނޑި ލިބިފައިވާއިރު އެމްޑީއޭއަށްވެސް ވަނީ ގޮނޑިއެއް ލިބިފައެވެ.

އިންތިހާބުގައި މިނިވަން ހަ ކެނޑިޑޭޓަކުވެސް ވަނީ އެކި ދާއިރާތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.